ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު، 2025 ވަނަ އަހަރު ރާއްޖޭގެ ފިސްކަލް ޑެފިސިޓް 4.4 ބިލިއަން ރުފިޔާއަށް ދަށްވެއްޖެއެވެ. މިއީ ފާއިތުވި ހަތް އަހަރުގެ ތެރޭގައި ރާއްޖޭގެ ބަޖެޓު ޑެފިސިޓް މިހާ ބޮޑަށް ދަށްވި ފުރަތަމަ ފަހަރެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކުރި "ބަޖެޓު ނަތީޖާ ބަޔާން 2025" ގައިވާ ގޮތުން، މި އަދަދަކީ އެ އަހަރަށް ލަފާކުރި ޑެފިސިޓަށްވުރެ ބޮޑުތަނުން ކުޑަ އަދަދެކެވެ. ކުރިން ލަފާކޮށްފައި އޮތީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއް އަންނާނެ ކަމަށެވެ. ނަމަވެސް، ފިޔަވަޅުތަކާއެކު ޑެފިސިޓް ވަނީ އަންދާޒާކުރި ވަރަށްވުރެ 5.0 ބިލިއަން ރުފިޔާ ނުވަތަ 53.6 ޕަސަންޓު ކުޑަކުރެވިފައެވެ.
ޖީ.ޑީ.ޕީގެ ނިސްބަތުން ބަލާއިރު، 2025 ވަނަ އަހަރުގެ ޑެފިސިޓަކީ 3.6 ޕަސަންޓެވެ. މިއީ 2020 ވަނަ އަހަރަށްފަހު ރެކޯޑުކުރެވުނު އެންމެ ކުޑަ ޑެފިސިޓެވެ. ފައިނޭންސް މިނިސްޓްރީން ބުނީ، މި ކުރިއެރުން ލިބުނީ ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކުރުމަށާއި، އިންވެސްޓްމަންޓް މަޝްރޫއުތައް ހިންގުމަށް ގެނައި ހަރުދަނާ ބަދަލުތަކުގެ ސަބަބުން ކަމަށެވެ.
މި ނަތީޖާގެ އިތުރުން ފާހަގަކޮށްލެވޭ އެހެން ކަމަކީ، ފާއިތުވި ފަސް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިތުރު ސަޕްލިމެންޓްރީ ބަޖެޓަކާ ނުލައި އަހަރުގެ ޚަރަދުތައް މެނޭޖުކުރެވުނު ކަމެވެ. 2025 ވަނަ އަހަރުގެ ޖުމްލަ ޚަރަދަކީ 44.2 ބިލިއަން ރުފިޔާއެވެ. މިއީ ބަޖެޓުގައި ލަފާކުރި 49.2 ބިލިއަން ރުފިޔާއަށްވުރެ 5.0 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.
އާމްދަނީގެ ގޮތުން ބަލާއިރު، 2025 ވަނަ އަހަރު ދައުލަތަށް 39.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2019 އިން ފެށިގެން މިހާތަނަށް ދައުލަތަށް އެންމެ ގިނަ އާމްދަނީ ލިބުނު އަހަރެވެ. މިނިސްޓްރީން ބުނީ، މި އަހަރުގެ ބަޖެޓު ތަންފީޒުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ދައުލަތުގެ މާލީ ހާލަތު ވަރުގަދަކުރުމަށާއި، ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް ކަމަށެވެ.
