ޖަލުތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 370 އެނދު ޤާއިމުކުރެވިފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ޖަލުތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރާއްޖޭގެ ޖަލުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޖާގައިގެ ދަތިކަމެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މި ދައުރުގެ ތެރޭގައި ޖަލުތަކުގެ ޖާގަ 500 އެނދަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މި މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، މިހާރުވެސް 370 އެނދުގެ ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެނަށް މިހާރު 370 އެއްހާ އެނދުގެ ޖާގަ އިތުރުކުރެވިފައި އެބަހުރި. މީގެ އިތުރުން ހުޅުމާލެ ޖަލުގައި ހޯލްޑިންގ ޖަލުގެ ސެލްތަކާއި، މާލޭ ޖަލުގެ ބަދަލުގައި ސަރުކާރުން ހަމަޖައްސަވައިދެއްވި ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި 140 މީހުންގެ ޖާގައިގެ ޔުނިޓެއް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން،" ކޮމިޝަނަރ ވިދާޅުވިއެވެ.
ކޮމިޝަނަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު ޖަލުތަކުގައި ޤައިދީން އެކަށީގެންވާ ގޮތެއްގައި ވަކިކޮށްގެން ބެލެހެއްޓޭނެ ނިޒާމެއް ނެތުމަކީ ބޮޑު ގޮންޖެހުމެކެވެ. އެގޮތުން ޢުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންވެސް އެއްތަނެއްގައި ބައިތިއްބަންޖެހޭ ހާލަތު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. މިކަމަށް ހައްލެއް ގެނައުމަށްޓަކައި، ދިގު މުއްދަތުގެ ހުކުމްތައް ތަންފީޒުކުރާ މީހުންނަށް ޚާއްސަ ޖަލު ޔުނިޓެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ.
ޖަލުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ގެންގުޅޭ "ވަން ޕްރިޒަން ކޮންސެޕްޓް" ގެ ދަށުން، ހުރިހާ ޚިދުމަތްތަކެއް ލިބޭނެ ގޮތަށް ސެންޓްރަލް ޖަލެއް ތަރައްޤީކުރުމަކީ ސަރުކާރުގެ ތަސައްވުރެވެ. މި މަޝްރޫއުގެ ދަށުން އުތުރު ތިލަފަޅުގައި ޖަލެއް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
