ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސައްހަ ނޫން ހޮޓެލް ބުކިންގެ ލިޔެކިޔުން ބޭނުންކޮށްގެން ރާއްޖޭގެ ބޯޑަރުން އެތެރެވާން އުޅުނު 248 ފަތުރުވެރިޔަކު އިއްޔެ ހުއްޓުވާފައިވާ ކަމަށާއި އެމީހުން ރާއްޖެ އެތެރެވުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. 

ކޮންޓްރޯލާގެ ޓްވީޓުގައި ހިފަހައްޓާފައިވަނީ ކޮން ގައުމެއްގެ ފަތުރުވެރިންކަމެއް ފާހަގަކޮށްފައެއް ނުވެއެވެ. 

ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލި ފަހުން އިއްޔެއަށް އަހަރުވީއިރު ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރޭގައި ކޮވިޑް-19 ގެ ޑެލްޓާ ވޭރިއެންޓު ފެތުރެން ފެށުމާއެކު އެ ގައުމުތަކުން އަންނަ ފަތުރުވެރިންނަށް ދެ މަހެއްހާ ދުވަސް ވަންދެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އެ ގައުމުތަކަށްވެސް ބޯޑަރު ހުޅުވާލީ އިއްޔައެވެ. 

ދެކުނު އޭޝިއާ ގައުމުތަކުގެ ފަތުރުވެރިންނަށް އިއްޔެ ރާއްޖޭގެ ބޯޑަރު ހުޅުވާލި ނަމަވެސް މިވަގުތަށް އެ ގައުމުތަކުގެ ފަތުރުވެރިންނަށް ދެވޭނީ ހަމައެކަނި ރިސޯޓުތަކަށެވެ.