ނޯވޭގެ ދެކުނު ސަރަހައްދެއް ކަމަށްވާ ސްކޭގަރަކް ކަނޑުއޮޅީގެ 600 މީޓަރު އަޑިން، 18 ވަނަ ގަރުނަށް ނިސްބަތްވާ ބޯޓެއް ފެނި، އޭގެއިން ގިނަ އަދަދެއްގެ އާސާރީ ތަކެތި ނަގައިފިއެވެ. އާކިއޮލޮޖިސްޓުންގެ ޓީމަކުން ކުރި މަސައްކަތުން މި ބޯޓު ފެނިފައިވާއިރު، މިއީ އެ ސަރަހައްދުގެ ކަނޑުގެ ތާރީޚު ދިރާސާކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި ބޯޓުން ފެނުނު ތަކެތީގެ ތެރޭގައި ޗައިނާގެ މަޝްހޫރު ޕޯސެލިން އާއި ވިލާތުގެ އެކި ބާވަތްތަކުގެ މުދާ ހިމެނެއެވެ. މީގެ އިތުރުން ހުދު ކުލައިގެ ތަށިތަކާއި، ބޮޑެތި ބިއްލޫރި ތަށި، ފޮތި ފަދަ އަންނައުނުގެ ބާވަތްތަކުގެ އިތުރުން ބޮޑެތި ބައްތިތަކުގެ ނުވަތަ ޗާންދަލިޔާގެ ބައިތައް ވެސް ފެނިފައިވެއެވެ.

މާހިރުން މިހާރު ދަނީ މި ބޯޓަކީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓެއްކަމާއި، އެ ބޯޓު ދަތުރުކުރަމުންދިޔަ މިސްރާބު ދެނެގަތުމަށްޓަކައި ޚާއްޞަ ދިރާސާތަކެއް ކުރަމުންނެވެ. މި ހޯދުމުގެ ސަބަބުން އެ ޒަމާނުގައި ޗައިނާއާއި ވިލާތާ ދެމެދު ކުރެވެމުންދިޔަ ވިޔަފާރީގެ ގުޅުންތަކާ ބެހޭ ގިނަ މައުލޫމާތުތަކެއް ސާފުވެގެންދާނެ ކަމަށް ބެލެވެއެވެ.