ޖަޕާނުގެ ފުކުޝީމާގައި ހުންނަ ދަގަނޑު އުފައްދާ ކާރުހާނާއެއްގެ ސެކިއުރިޓީ ކެމެރާ ވީޑިއޯއިން ފެންނަ ގޮތުގައި، އެތަނުގެ މުވައްޒަފެއްގެ ފަހަތުން ސާރިދޯޅެއް ދުވެ، އޭނާ ބިމަށް ވައްޓާލާފައިވެއެވެ. އޭގެ ފަހުން އެ ސާރިދޯޅު ވަނީ އެ އިމާރާތުގެ ބިއްލޫރި ދޮރެއް ތަޅާލުމަށްފަހު އެތެރެއަށް ވަދެ، އެތަނުގައި ހުރި އެހެން މުވައްޒަފަކަށްވެސް ހަމަލާދީ އަނިޔާކޮށްފައެވެ.
މި ނުރައްކާތެރި ހާދިސާގެ ތެރޭގައި އެ ސަރަހައްދުގައި ތިބި އިތުރު ދެ މީހަކަށްވެސް އެ ސާރިދޯޅު ވަނީ ހަމަލާދީ ޒަޚަމްކޮށްލާފައެވެ. މި ހާދިސާއަކީ ޖަޕާނުގައި ސާރިދޯޅުގެ އާބާދީ އިތުރުވަމުންދާ މި ދަނޑިވަޅުގައި، އިންސާނުނަށް އަމާޒުކޮށް މިފަދަ ޖަނަވާރުން ދޭ ހަމަލާތަކުގެ ތެރެއިން އެންމެ ފަހުން ހިނގި ހާދިސާއެވެ.
ޖަޕާނުގެ އެންވަޔަރަންމަންޓް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ ތެރޭގައި އެގައުމުގައި ސާރިދޯޅު ހަމަލާދިނުމުގެ 230 އަށްވުރެ ގިނަ ހާދިސާ ހިނގާފައިވެއެވެ. އަދި މި ހަމަލާތަކުގައި ޖުމްލަ 13 މީހުން މަރުވެފައިވާ ކަމަށްވެސް އެ މިނިސްޓްރީގެ ރިޕޯޓުތަކުން ހާމަކުރެއެވެ.
