އައްޑޫ ސިޓީގެ ތިން އަވަށަކުން ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވާ ބިންތަކަކަށް ކުލީގެ ގޮތުގައި ލިބެންޖެހޭ 4 ލައްކައަށް ވުރެ ގިނަ ރުފިޔާ ނުދައްކާ ހުއްޓާ، އެއްވެސް އިއުލާނެއް ކުރުމެއް ނެތި ލައްކައަކަށް ވުރެ ގިނަ އަކަފޫޓު އެ ބިންތަކަށް އިތުރުކޮށްދީފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި އައްޑޫ ސިޓީ ކައުންސިލުން މި ބަދަލުތައް ގެނެސްފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް، ވަކި ފަރާތްތަކަކަށް މަންފާ ލިބޭ ގޮތަށެވެ. މީގެ ސަބަބުން ޓޫރިޒަމް ދާއިރާއިން ބިން ހޯދަން ބޭނުންވާ އެހެން ފަރާތްތަކަށް އޮތް ހަމަހަމަ ފުރުސަތު ގެއްލިފައިވާ ކަމަށް އޮޑިޓުން ފާހަގަކުރެއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ސ. ފޭދޫ، ސ. މީދޫ އަދި ސ. ހިތަދޫގެ ޓޫރިޒަމް ޒޯނުން ދޫކޮށްފައިވާ ބައެއް ބިންތަކުގެ ހެޑް ލީޒް އާއި ޑިވެލޮޕްކުރުމުގެ ހައްގުތައް އެހެން ފަރާތްތަކަށް ބަދަލުކުރިއިރު، ކުރީގެ ފަރާތްތަކުން ދައްކަންޖެހޭ ބިމުކުލީގެ ބޮޑު އަދަދެއް ނުދައްކާ ހުއްޓެވެ. އެގޮތުން ފޭދޫގެ ބިންތަކުން 244,481 ރުފިޔާ އަދި މީދޫގެ ބިންތަކުން 194,816 ރުފިޔާއާ އެކު ޖުމުލަ 439,297 ރުފިޔާ ދައުލަތަށް ނުދައްކާ އޮތްއިރު، ކައުންސިލުން އެކުލަވާލި އާ އެއްބަސްވުންތަކުގައި މި ފައިސާ ހޯދުމާ ގޮތުން އެއްވެސް މާއްދާއެއް ހިމަނާފައެއް ނުވެއެވެ.

މި މައްސަލައިގެ އިތުރުން، އިއުލާނު ކުރުމެއް ނެތި ޖުމުލަ 11 ބިމަކަށް 166,340 އަކަފޫޓުގެ ބިން ކައުންސިލުން ވަނީ އިތުރުކޮށްދީފައެވެ. މީގެ ތެރޭގައި ފޭދޫއިން ދޫކުރި 29,000 އަކަފޫޓުގެ ބިންތަކަށް 134,945 އަކަފޫޓު އިތުރުކޮށް 163,945 އަކަފޫޓަށް ބޮޑުކުރުމާއި، މީދޫއިން ދޫކުރި 17,000 އަކަފޫޓުގެ ބިމަށް 27,595 އަކަފޫޓު އިތުރުކޮށް 44,595 އަކަފޫޓަށް ބޮޑުކުރުން ހިމެނެއެވެ. އަދި 2021 ގައި ދޫކުރި ބިމަކަށް ޕޫލެއް ހަދަން 2000 އަކަފޫޓު އަދި ގެސްޓް ހައުސްއެއް ހަތަރު ފަންގިފިލާއަށް އުފުލަން އެދުމުން އިއުލާނެއް ނެތި އިތުރު 1800 އަކަފޫޓު ދިނުމަށް 2024 ވަނަ އަހަރުގެ ކައުންސިލް ޖަލްސާއިން ނިންމާފައިވާ ކަމަށް ވެސް އޮޑިޓް އޮފީހުން ބުންޏެވެ.