އދގެ އާންމު މަޖިލީހުގެ އިގްތިސާދީ އަދި މާލީ ކޮމިޓީގެ މުގައްރިރުގެ ނައިބުގެ މަގާމަށް ދިވެހިރާއްޖެ އިންތިހާބުވެއްޖެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ. އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި ބޭއްވި އިންތިހާބުގައި، މި މުހިންމު މަގާމަށް ރާއްޖެ ހޮވިފައިވަނީ އާންމު މަޖިލީހުގެ މެންބަރު ގައުމުތަކުގެ އިއްތިފާގުންނެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި މަގާމުގައި ރާއްޖެ ތަމްސީލު ކުރައްވާނީ ރާއްޖެއިން އދއަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީ ހުސައިން އަޒްހާން މުހައްމަދު ހުސައިންނެވެ. އޭނާ މި މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2027 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ އދގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގައެވެ.
މި ސެޝަންގެ ތެރޭގައި ކޮމިޓީގެ މަސައްކަތްތައް ފުރިހަމަގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި، ކޮމިޓީގެ މުގައްރިރާއި ބިއުރޯގެ އެހެނިހެން މެންބަރުންނާ ގުޅިގެން ރާއްޖެއިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. "ސެކަންޑް ކޮމިޓީ" ގެ ނަމުން މަޝްހޫރުވެފައިވާ މި ކޮމިޓީއަކީ އދގެ އާންމު މަޖިލީހުގެ މައިގަނޑު ހަ ކޮމިޓީގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީއާއި އިގްތިސާދީ ކުރިއެރުމާ ގުޅުންހުރި ކަންކަން ނިންމާ އެންމެ މުހިންމު އެއް ކޮމިޓީއެވެ. މި ކޮމިޓީގެ ހުރިހާ މަސައްކަތްތަކެއް ރާވައި ހިންގުމުގެ ފުރިހަމަ އިހްތިޔާރު އޮންނަނީ ކޮމިޓީގެ ބިއުރޯއަށެވެ.
