އަންހެނުން ވަޒީފާ އަދާކުރާއިރު ބުރުގާ އެޅުން، އެމީހަކަށް ވަޒީފާ ދިން ފަރާތައް މަނާކުރެވިދާނެ ކަމަށް ޔޫރަޕްގެ އިއްތިހާދުގެ އެންމެ މަތީ ކޯޓުން ހުކުމް ކޮށްފިއެވެ.

ލަގްޒަމްބާގްގައި ހުންނަ މި ކޯޓުން ބުރާސްފަތި ދުވަހު ނިންމި ނިންމުގައި ބުނެފައި ވަނީ ބުރުގާ އެޅުން ނުވަތަ ގަބޫލު ކުރާ ދީނީ އަގީދާއެއްގެ ދަށުން ބޮލުގައި ސްކާފެއް އެޅުން މަނާ ކުރަން ވާނީ އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވަޒީފާ ދޭފަރާތައް ގަބޫލުކުރެވޭ ކަމަށް ވާނަމަ ކަމަށެވެ. އަދި އެނިންމުން ނިންމާއިރު އެގައުމެއްގައި ދީނީ މިނިވަންކަން އޮތް މިންވަރަށް ރިއާޔަތް ކުރަން ވާނެ ކަމަށް ވެސް އެ ކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.

އީޔޫގެ އެންމެ މަތީ ކޯޓުން ބުރުގާގެ މައްސަލަ ބެލީ ޖަރުމަންވިލާތުގެ އަންހެނުންތަކެއް ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ. އެމީހުން މައްސަލަ ހުށަހެޅީ ބުރުގާ އަޅައިގެން ވަޒީފާއަދާކުރުމުން އެމީހުން ވަޒީފާ އިން ސަސްޕެންޑް ކުރުމުންނެވެ.

އީޔޫގެ އެންމެ މަތީ ކޯޓުން މިނިންމި ނިންމުމުގެ ސަބަބުން އީޔޫގެ މެންބަރު ގައުމުތަކުގެ ގޮތުގައި އޮންނަ ހަތާވީސް ގައުމުގައި މުސްލިމް އަންހެނުންނަށް ބުރުގާ ނަގައިގެން ވަޒީފާއަށް ނިކުތުން މަޖުބޫރު ކުރާނެ އެތައް ކަމެއް ކުރިމަތިވުން އެކަށީގެންވާ ކަމަށް މިހާރު ވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް ފަރާތްތަކުން އަންނަނީ އީޔޫގެ އެންމެ މަތީ ކޯޓުގެ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެފަރާތްތަކުން ބުނާ ގޮތުގައި މިއީ ދީނީ މިނިވަންކަމާއި، ދީނީ ގޮތުން މީހުން ގަބޫލުކުރާ ގަބޫލުކުރުންތައް ދިފާއު ކުރަން ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. މީގެ އުތުރުން ގިނަ އާންމުންވެސް ދަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.