އޭޕްރިލް މަހާ އަޅާބަލާއިރު ނިމުނު މެއި މަހު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް ކިރާފައިވާ މަހުގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން އެ ކުންފުނީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. 

މިފްކޯއިން އާންމުކޮށްފައިވާ މަސްވެރިކަމުގެ ރިޕޯޓަށް ބަލާއިރު، ވޭތުވެދިޔަ މަހަކީ މުޅި ރާއްޖޭގައި ވެސް މަސްވެރިކަން ވަރަށް ބޮޑަށް މަދުވި މަހެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މެއި މަހު މިފްކޯއަށް 693 ދޯންޏަކުން ކިރާފައިވަނީ ޖުމުލަ 1،791 ޓަނުގެ މަހެވެ. އަދި ކިރުވި މަހަށް މަސްވެރިންނަށް 31،081،853 ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ ތެރެއިން 367 ދޯންޏަކުން 1،708.9 ޓަނުގެ ކަޅުބިލަމަސް ކިރުވާފައިވާއިރު، އެއަށް 29،063،153 ރުފިޔާ ދޫކޮށްފައިވެއެވެ. މީގެ އިތުރުން 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 109 ދޯންޏަކަށް 138،000 ރުފިޔާ އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 217 ދޯންޏަކަށް 1،880،700 ރުފިޔާ ވަނީ ޖަމާކޮށްދީފައެވެ.

މެއި މަހާ އަޅާބަލާއިރު އޭޕްރިލް މަހު މަސްވެރިކަން ވަރަށް ރަނގަޅެވެ. އެގޮތުން އޭޕްރިލް މަހުގެ ތެރޭގައި 1،068 ދޯންޏަކުން 4،414 ޓަނުގެ މަސް މިފްކޯއަށް ކިރާފައިވެއެވެ. އަދި އެ މަހު ކިރުވި މަހަށް މަސްވެރިންނަށް ޖުމުލަ 78،778،405 ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯގެ ހިސާބުތަކުން އެނގެއެވެ.

ނިމުނު މަހު މަސްވެރިކަން ދަށަށް ގޮސްފައިވާއިރު، އޭޕްރިލް މަހުގެ ތެރޭގައި ގއ. ކޫއްޑޫއިން މަސްވެރިންނަށް ތެޔޮ ނުލިބޭ ކަމަށް ބުނެ މަސްވެރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ދުވަސްވަރު މަސްވެރިން ބުނެފައިވަނީ ތެޔޮ ނުލިބުމުގެ ސަބަބުން މަހަށް ފުރޭ ގޮތް ނުވެ، ދުރު ސަރަހައްދުތަކަށް ގޮސް ރަނގަޅަށް މަސްވެރިކަން ކުރުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވި ކަމަށެވެ.