މީގެ 12 އަހަރު ކުރިން ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް އަލުން ވަޒީފާ ދިނުމަށް ހައިކޯޓުން ކުރި ހުކުމާ ގުޅިގެން، އަމިއްލަ އަތުން ފަރުމާކުރި ޔުނީފޯމުގައި އަލުން ހިދުމަތަށް ނުކުންނަން ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. 

ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ، ފުލުހުންގެ ވަޒީފާއާއި ޔުނީފޯމަކީ އޭނާގެ ދިރިއުޅުމުގެ ކޮންމެ ކަމަކަށް ވުރެ މުހިންމު އެއްޗެއް ކަމަށެވެ. އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މުޖުތަމައުއަށް ހިދުމަތް ކުރުމުގެ ބާރާއި ހެޔޮ ތައުފީގު މިންވަރު ކުރެއްވުން އެދި الله އަށް ޝުކުރުކޮށް ދުއާކޮށްފައިވެއެވެ. މީގެ އިތުރުން، އާންމުންނާއި ފުލުހުންގެ އިސް އޮފިސަރުންގެ ފަރާތުން ލިބުނު ތަރުހީބާއި އިތުބާރަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ހައިކޯޓުން އޭޕްރީލް މަހު ކުރި ހުކުމުގައި ބުނެފައިވަނީ، ޝިޔާމް ވަޒީފާއިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމިއިރު، އެކަށީގެންވާ މިންވަރުގެ ތަހުގީގެއް ކޮށްފައިވާކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި އޭނާ ވަކިކުރަން ރިއާޔަތްކުރި ހެއްކަކީ ކޮބައިކަން އެނގޭނެ އެއްޗެއް ކޯޓަށް ހުށަހަޅާފައި ނުވާތީ، ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އޭނާއަށް އަލުން ވަޒީފާ ދިނުމަށް ނިންމާފައެވެ. މީގެ އިތުރުން، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އަލުން ވަޒީފާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް ވެސް ކޯޓުން ވަނީ އަންގާފައެވެ.

ފުލުހުންގެ މީޑިއާ ފޭސްގެ ގޮތުގައި ޝިޔާމް މަސައްކަތްކުރި ދުވަސްވަރަކީ އާންމުންގެ އިތުބާރު އެ މުއައްސަސާއަށް ވަރަށް ބޮޑަށް ލިބިގެންދިޔަ ދުވަސްވަރެކެވެ. އޭނާ ވަނީ ނޫސްވެރިންނަށް ބޭނުންވާ މައުލޫމާތުތައް އަވަހަށް އަދި ތެދުވެރިކަމާއެކު ފޯރުކޮށްދިނުމުގެ ސަގާފަތެއް ބިނާކޮށްފައެވެ. އަދި އަތޮޅުތެރޭގެ ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކުރިއިރުވެސް، ކުށް މަދުކުރުމަށާއި މުޖުތަމައުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގައި އޭނާ ވަނީ ނަމޫނާ ދައްކާފައެވެ.

ވަޒީފާއިން ވަކިކުރިތާ 12 އަހަރު ފަހުން އޭނާއަށް އަލުން ފުލުހުންގެ ހިދުމަތާ ގުޅުމުގެ ފުރުސަތު ލިބުމަކީ، ގިނަ ބަޔަކު ދެކޭ ގޮތުގައި ފުލުހުންގެ މުއައްސަސާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. ވަޒީފާއިން ދުރުގައި ހުރި ދުވަސްވަރު ވިޔަފާރީގެ މައިދާނުގައި ކާމިޔާބު ހޯދާފައިވީ ނަމަވެސް، ޝިޔާމްގެ އެންމެ ބޮޑު އަމާޒަކަށްވީ އޭނާގެ ހިތާ ގުޅިފައިވާ ފުލުހުންގެ ހިދުމަތަށް އަލުން އެނބުރި އައުމެވެ.