ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ. އެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި، މި ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވައިގަދަވެ ވިއްސާރަ ކުރި ނަމަވެސް، މޫސުން އަލުން ރީތިވާން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.

އެ އިދާރާއިން ހާމަކުރި ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ވައިގަދަވާނެއެވެ. އަދި ހަމައެއާއެކު ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ވިއްސާރަ ކުރާނެ ކަމަށްވެސް އެ އޮފީހުން ނެރުނު ތަފާސްހިސާބުތަކުން ދައްކައެވެ. ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެއެވެ.

ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

މޫސުމާ ބެހޭ ގައުމީ އޮފީހުން ބުނީ، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ވިއްސާރަ ކުރަމުންދާ ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުންނާއި ހުރިހާ ރައްޔިތުންވެސް މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެ އޮފީހުން ވަނީ ބުނެފައެވެ. ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ވަނީ ހަނދާންކޮށްދީފައެވެ.