ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ބޯކޮށް ވާރޭވެހެނިކޮށް ފްލައިއޯވާއެއްގެ މަތިން ސައިކަލު ދުއްވާފައި ދިޔަ ޑެލިވަރީ މަސައްކަތްކުރާ މީހެއްގެ ހެލްމެޓަށް ހޮނުއަޅައި، އޭނާއަށް ސީރިއަސް ގެއްލުންތަކެއް ވެއްޖެއެވެ. އަންގާރަ ދުވަހު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 46 އަހަރުގެ ފިރިހެނަކަށެވެ. ހޮނުއެޅުމުގެ ސަބަބުން އޭނާ ސައިކަލުގެ ކޮންޓްރޯލް ކަޓައި، މަގުމައްޗަށް ވެއްޓި ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވި މީހުން ބުނި ގޮތުގައި، ހޮނުއެޅި މީހާ ފެނުނުއިރު އޮތީ ހަބަރު ހުސްވެފައެވެ. އަދި އޭނާގެ ކަރުން ފެށިގެން މޭމައްޗާ ހަމައަށް ހޮނުއެޅުމުގެ ސަބަބުން ބޮޑެތި ފާރުގަނޑުތަކެއް ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. ފުލުހުން ބުނީ ހޮނުއަޅާފައިވަނީ އޭނާ ބޮލުގައި އަޅައިގެން ހުރި ހެލްމެޓަށް ކަމަށް ބެލެވޭ ކަމަށެވެ.

އެ މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގެ ކުއްލި ފަރުވާދޭ ބައިގައި އެމަޖެންސީކޮށް ފަރުވާ ދެމުންނެވެ. މި ހާދިސާއާ ގުޅިގެން ބެންކޮކްގެ ކަމާބެހޭ އިދާރާތަކުން ވަނީ ބޯކޮށް ވާރޭވެހި، ވިއްސާރަކުރާ ވަގުތުތަކުގައި ސައިކަލު ދުއްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.