ދުނިޔޭގެ އެކި ކަންކޮޅުތަކުން ކަރުދާސް ތަށި އެއްކޮށްގެން، އިންޑިއާއަށް އުފަން ސުނިލް ޖޯސެފް ނަމަކަށް ކިޔާ މީހަކު އެންމެ ގިނަ ކަރުދާސް ތަށި އެއްކުރުމުގެ ދުނިޔޭގެ ރިކޯޑު ގާއިމުކޮށްފިއެވެ. އުމުރުން 57 އަހަރުގެ ސުނިލްގެ މި ކަލެކްޝަނުގައި 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް 858 ކަރުދާސް ތަށި ހުއްޓެވެ. ދެ ކުދިންގެ ބައްޕައެއް ކަމަށްވާ ސުނިލް ހާމަކުރި ގޮތުގައި، އޭނާގެ ހިތުގައި ތަފާތު އެއްޗެހި އެއްކުރުމުގެ ޝައުގުވެރިކަން އުފެދުނީ އޭނާ، ގްރޭޑް ފަހެއްގައި އުޅުނު ދުވަސްވަރުއެވެ.

އިޖުތިމާއީ މަސައްކަތްތެރިއެއްގެ ގޮތުގައި އުޅޭ ސުނިލްއަކީ މީގެ ކުރިން ވެސް ދުނިޔޭގެ ރިކޯޑެއް ހާސިލުކޮށްފައިވާ މީހެކެވެ. އެގޮތުން 2013 ވަނަ އަހަރު އޭނާ ވަނީ 5،986 ފޯން ކާޑު އެއްކޮށްގެން އެންމެ ގިނަ ފޯން ކާޑު އެއްކުރުމުގެ ރިކޯޑު ހަދާފައެވެ. ނަމަވެސް، ފަހުން ކެނެޑާގެ އެރިކް ކޫޓީނިއޯ ވަނީ 8،266 ކާޑު އެއްކޮށްގެން ސުނިލްގެ އެ ރިކޯޑު މުގުރާލާފައެވެ. އެހެންނަމަވެސް، މިފަހަރު އޭނާ މިވަނީ ކަރުދާސް ތަށީގެ އެހީގައި އަނެއްކާވެސް ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދާފައެވެ.

ކުޑައިރު އުފެދުނު މި ޝައުގުވެރިކަން ބޮޑުވަމުން އައިސް، އޭނާގެ މުޅި ދިރިއުޅުމުގެ ބޮޑު ހޮބީއަކަށް ވަނީ ބަދަލުވެފައެވެ. ކަރުދާސް ތަށީގެ އިތުރުން ރޭޒަރުލާ ފޮށީގެ ބޭރު ކަވަރާއި، އެއަރލައިން ބޯޑިންގ ފާސްތަކާއި، ކޮފީ މަގު އަދި ސައިފަތް ޕެކެޓު ފަދަ ތަފާތު އެތައް ބާވަތެއް އޭނާ އެއްކުރެއެވެ. ސުނިލް ބުނި ގޮތުގައި ދުނިޔޭގެ ރިކޯޑެއް ގާއިމުކުރުމަކީ ބޮޑު ގުރުބާނީއަކާއި، ސާބިތުކަމާއި އަދި ސާފު ތަޞައްވުރެއް ބޭނުންވާ، އަމިއްލަ ޝައުގުވެރިކަން މުޅި ދުނިޔެ ބަލައިގަންނަ ފަދަ ކާމިޔާބީއަކަށް ބަދަލުކޮށްލާ ދަތުރެކެވެ.