މި ފަހުން މަޝްހޫރުކަން ހޯދި "ވިޔަސް ހެވޭ ނުވިޔަސް ހެވޭ" މި ލަވައިގާ އެ ކިޔާ ޒުމައްރަދުގެ ތަހުތު ނުވަތަ ޒުމައްރަދަކީ ކޮން އެއްޗެއް ހެއްޔެވެ؟ ޅެންވެރިކަން އެހާމެ ފުރިހަމަ މި ލަވައިގާ މި ފާހަގަ ކުރާ ޒުމައްދަރުގެ ހަގީގަތް ބަލާލަމާ ހިނގާށެވެ.

ޒުމައްރަދަކީ އޭގެ ފުން ފެހިކުލައާއި ތާރީޚީ މުއްސަނދިކަމުގެ ސަބަބުން ދުނިޔޭގެ އެކި ސަގާފަތްތަކުގައި ވަރަށް މަތީ ދަރަޖައެއް ދެވިފައިވާ އަގުބޮޑު ޖަވާހިރެކެވެ. އަރަބި ސަގާފަތުގައި "ޒުމުރުއްދު" ގެ ނަމުން މަޝްހޫރުވެފައިވާ މި ހިލައަކީ ރައްކާތެރިކަމާއި ބުއްދިވެރިކަމާ ގުޅުވައިދޭ އެއްޗެކެވެ. އަދި ދެކުނު އޭޝިއާގެ ސަރަހައްދުތަކުގައި "ޒާމުރުދު" ގެ ނަމުން މުޚާތަބުކުރާ މި ޖަވާހިރަކީ ރޫހާނީ އަދި "އިލްމުއްނުޖޫމީ" ފައިދާތަކަށްޓަކައި ކޮންމެހެން އަނގޮޓީގައި ފަވާލަންޖެހޭ ހިލައެއްގެ ގޮތުގައި ބެލެވެއެވެ. ތާރީޚަށް ބަލާއިރު، މިޞްރުގެ ރާނީ ކްލިއޯޕެޓްރާގެ އެންމެ މަގުބޫލު އެއް ބާވަތަށް މި ހިލަ ވީއިރު، އިންޑިއާގެ މުޣަލް ރަސްކަމުގެ ޝާހީ ގަހަނާތައް ޒީނަތްތެރިކުރުމަށް ވެސް މިއީ އެންމެ އަގުބޮޑު ކުރި ހިލައެވެ.

މި ޖަވާހިރަކީ މޯސް ސްކޭލް ގައި ހަރުގަނޑުމިން 7.5 އާއި 8 އާ ދެމެދުގެ މިންވަރަކަށް ހަރު އެއްޗެއް ނަމަވެސް، އޭގެ އެތެރޭގައި ހުންނަ ގުދުރަތީ ރެނދުތަކުގެ ސަބަބުން ފަސޭހައިން ތޅޭ ފަދަ ނާޒުކު ސިފައެއް އެކުލެވޭ އެއްޗެކެވެ. މި ސަބަބަށްޓަކައި، އޭގެ ސާފުކަން އިތުރުކުރުމަށްޓަކައި ތެޔޮލުން ފަދަ ފަރުވާތައް ދިނުމަކީ ޖަވާހިރުގެ ވިޔަފާރީގައި އާންމު އަދި ބަލައިގަނެވޭ ކަމެކެވެ. ޒުމައްރަދެއްގެ އަގު ކަނޑައެޅެނީ އޭގެ ކުލައިގެ ފުންކަމާއި، ސާފުކަމާއި، އުފެދުނު އަސްލު ތަނާއި އަދި ކޮށާފައިވާ ބައްޓަމުގެ މައްޗަށެވެ. މިގޮތުން ކޮލަމްބިއާ، ޒެމްބިއާ، އަފްޣާނިސްތާން އަދި ޕާކިސްތާނަކީ އެންމެ ފެންވަރުމަތީ ޒުމައްރަދު އުފެދޭ ގައުމުތަކެވެ.

މިފަދަ އަގުބޮޑު ހިލައެއް ބައްލަވައިގަންނައިރު، ބާޒާރުގައި ހުންނަ އާޓިފިޝަލް ނުވަތަ ބިއްލޫރި ބޭނުންކޮށްގެން ހަދާފައި ހުންނަ ފޭކު އެއްޗެހިން ސަލާމަތްވުމަށްޓަކައި ޖީ.އައި.އޭ ނުވަތަ އައި.ޖީ.އައި ފަދަ އިތުބާރުހުރި ލެބޯޓްރީއެއްގެ ސެޓްފިކެޓް ހޯދުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ދިވެހިރާއްޖޭގެ ބާޒާރަށް ބަލާއިރު، އަސްލު މަތީ ފެންވަރުގެ ޒުމައްރަދު ރާއްޖޭގެ ފިހާރަތަކުން ފެނުމަކީ ނާދިރު ކަމެކެވެ. އެހެންނަމަވެސް ޒުމައްރަދެއްފަދަ ރީތި ނުވަތަ ޒުމައްރަދުގެ ތަހުތެއްފަދަ ފުރިހަމަ އިންސާނުން މި ރާއްޖޭގެ ފަސްގަނޑުގައިވެސް އުޅޭނެއެވެ.