ކާށިތެލަކީ ދިވެހިންގެ ކެއިންބުއިމާއި ދިރިއުޅުމުގެ އާދަކާދައާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ. ސިއްހީ ނަޒަރަކުން ބަލާއިރު، ކާށިތެލުގައި ހިމެނޭ "އެމް.ސީ.ޓީ" ނުވަތަ މީޑިއަމް-ޗެއިން ޓްރައިގްލިސަރައިޑްސްގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ހަކަތަ އަވަހަށް ފޯރުކޮށްދީ، ބަނޑުގެ ސަރުބީ ވިރުވައިލުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން، އޭގައި ހިމެނޭ ލޯރިކް އެސިޑްގެ ސަބަބުން ހަށިގަނޑަށް ގެއްލުންދޭ ބެކްޓީރިއާއާއި ވައިރަސް ފަދަ ތަކެއްޗާ ހަނގުރާމަކުރުމުގެ ގުދުރަތީ ބާރެއް ލިބިގެންވެއެވެ.
ހަމާއި އިސްތަށިގަނޑުގެ ދުޅަހެޔޮކަމަށް ބަލާއިރު، ކާށިތެލަކީ ދުނިޔޭގައި ބޭނުންކުރާ އެންމެ ރަނގަޅު އެއް މޮއިސްޗަރައިޒަރެވެ. ހަންގަނޑު ހިކުމުން ސަލާމަތްކޮށްދީ، އިސްތަށިގަނޑު މޮޅިވުމުން ރައްކާތެރިކޮށްދިނުމުގެ އިތުރުން، އަނގަޔާއި ދަތްޕިލާގެ ސިއްހަތަށް ވެސް މިއީ ފައިދާހުރި އެއްޗެކެވެ. ކާށިތެޔޮ ބޭނުންކޮށްގެން އަނގަ ދޮވުން ނުވަތަ "އޮއިލް ޕުލިންގ" ހެދުމަކީ އަނގަ ތެރޭގައި ހުންނަ ގެއްލުންދޭ ޖަރާސީމުތައް މަދުކޮށް، ހިރުގަނޑުގެ ބަލިތަކުން ސަލާމަތްވުމަށް އެހީވެދޭ ކަމެކެވެ.
ނަމަވެސް، ކާށިތެޔޮ ބޭނުންކުރުމުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ. ކާށިތެލުގެ ގާތްގަނޑަކަށް %82 އަކީ ސެޗުރޭޓަޑް ފެޓް ނުވަތަ ނުވިރޭ ސަރުބީއެވެ. މިއީ މާ ގިނައިން ބޭނުންކޮށްފިނަމަ ލޭގައި ހުންނަ ނުބައި ކޮލެސްޓްރޯލް މަތިކޮށް، ހިތުގެ ބަލިތަކަށް މަގުފަހިވާނެ ކަމެކެވެ. މީގެ އިތުރުން، މިއީ ކެލޮރީ ވަރަށް ގިނަ އެއްޗަކަށް ވާތީ، މިންވަރަށްވުރެ ގިނައިން ބޭނުންކުރެވިއްޖެނަމަ ހަށިގަނޑުގެ ބަރުދަން އިތުރުވުމުގެ ފުރުސަތު ބޮޑެވެ.
ސައިންޓިފިކް ދިރާސާތަކަށް ބަލާއިރު، ކާށިތެލަކީ ދުނިޔޭގައި ހުރި އެންމެ ރައްކާތެރި ތެޔޮތަކުގެ ތެރެއިން އެއް ތެލެވެ. ހާއްސަކޮށް ރާއްޖެފަދަ ހޫނު މާހައުލުތަކާއި ލޮނު މާހައުލުތަކަށް ކާށިތެލަކީ އަމުދުން ކަމުދާނެ ތެލެކެވެ. ދިރާސާތަކުން އެނގޭ ގޮތުގައި ހޫނު މާހައުލުތަކަށާއި ލޮނު މާހައުލުތަކުގައި އުޅޭ އިންސާނުންގެ ހަނގަނޑަށާއި އެތެރެހައްޓަށް އެއްމެ އެކަށީގެންވާ ތެލަކީ ކާށިތެލެވެ. (ހެލްތް ލައިން 2025).
ކާށިތެލަކީ ބޭނުންކުރަން ދަންނަ ނަމަ ވަރަށް ބޭނުންތެރި، ސަގާފީ ގޮތުން ވެސް އަގުހުރި އެއްޗެކެވެ. ހާއްސަކޮށް ހަމާއި އިސްތަށިގަނޑަށް އުނގުޅުމަށާއި، ކެއްކުމަށް މިއީ ވަރަށް ރަނގަޅު އެއްޗެކެވެ. އަދި އަމުދުން ރާއްޖެފަދަ ޖަޒީރާ މާހައުލުތަކަށް ހުރިހާކަމަކަށަވެސް އެއްމެ ކަމުދަނީ ކާށިތެލެވެ. އެހެންނަމަވެސް، ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ހަމައެކަނި ކާށިތެލަށް ބަރޯސާވުމުގެ ބަދަލުގައި، އެހެން ގޮތްގޮތުންވެސް ފެޓްސް ގެ މާއްދާ ހޯދަން ވާނެއެވެ. ކޮންމެ އެއްޗަކީވެސް މެދުމިންވަރަކަށް ބޭނުންކުރުމުން އޭގެ ހަގީގީ ފައިދާ ލިބޭނެ އެއްޗެކެވެ.
ހަވާލާ: ހެލްތް ލައިން 2025.
