ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓްގެ ސަރަހައްދުން ގެއްލިގެން ހޯދަމުންދިޔަ ނޭޕާލްގެ މީހަކު، އެއްވެސް ކާނާއަކާ އަދި އޮކްސިޖަނާ ނުލައި ހަ ދުވަސް ހޭދަކުރުމަށްފަހު ދިރިހުއްޓާ ފެނިއްޖެއެވެ.
އެގައުމުގެ ރިޕޯޓުތައް ބުނާގޮތުން، މި އަޖައިބުކުރުވަނިވި ހާދިސާގައި ސަލާމަތްވެފައިވަނީ ދާވާ ޝެރްޕާ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ފެނިފައިވަނީ އެވަރެސްޓް ފަރުބަދައިގެ ނާޒުކު އަދި ފިނިގަދަ ސަރަހައްދެއްގެ ތެރެއިންނެވެ.
މި ހާދިސާއަކީ މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުވާލި ހާދިސާއަކަށް ވެފައިވަނީ، އެވަރެސްޓް ފަދަ ފިނިހޫނުމިން އިންތިހާއަށް ދަށް އަދި އޮކްސިޖަން މަދު ސަރަހައްދެއްގައި، އެއްވެސް އެހީތެރިކަމެއް ނެތި އެހާ ގިނަ ދުވަހު އިންސާނަކަށް ދިރިއޮވެވުމަކީ ނާދިރު ކަމަކަށް ވާތީއެވެ. ދާވާ ސަލާމަތްވުމުން އޭނާ މިހާރު ވަނީ އަލުން އޭނާގެ އާއިލާއާ ހަވާލުކުރެވިފައެވެ.
އާދަޔާ ހިލާފު މި ހާދިސާގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އަސަރުގަދަ ކަމަކީ، ދާވާ ގެއްލިގެން ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން އޭނާ މަރުވީ ކަމަށް ނިންމައި، އާއިލާއިން އޭނާގެ ޖަނާޒާގެ ކަންކަމާއި ދީނީ ބައެއް ރަސްމިއްޔާތުތައް ވެސް ފަށާފައިވަނިކޮށް އޭނާ ސަލާމަތްވުމެވެ. މަރުވި ކަމަށް ނިންމާ އުންމީދު ކަނޑާލާފައިވަނިކޮށް ދާވާ ދިރިހުއްޓާ ފެނުމުން، އޭނާގެ އާއިލާއަށް ވަނީ ބޮޑު ސިހުމަކާއެކު އުފާވެރިކަމެއް ލިބިފައެވެ.
