ފީފާ ވޯލްޑް ކަޕް 2026 ގެ ޓިކެޓް ވިއްކާ ވެބްސައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، ގާތްގަނޑަކަށް 60 ސަޕޯޓަރަކަށްމީހަކަށް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ޓިކެޓްތަކެއް މުޅިން ހިލޭ ލިބިއްޖެއެވެ.
ފީފާއިން ހާމަކުރި ގޮތުގައި މި މައްސަލަ ދިމާވީ މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހު ޓިކެޓް ގަތުމުގެ މަރުހަލާ ކުރިއަށްދިޔަ ވަގުތުއެވެ. މީގެ ސަބަބުން ޓިކެޓްތަކުގެ އަގު ސުމެއްގެ ގޮތުގައި ދައްކައި، ސަޕޯޓަރުންނަށް ވަނީ ޓިކެޓް ކަށަވަރުވިކަމުގެ އީމެއިލް ވެސް ލިބިފައެވެ. ހިލޭ ދޫކުރެވުނު ހުރިހާ ޓިކެޓްތަކަކީ ކެނެޑާގެ ޓޮރޮންޓޯގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ޓިކެޓްތަކެކެވެ.
ނަމަވެސް، ފީފާއަށް މި ގަޑުބަޑު ފާހަގަވުމާއެކު، އެ އިދާރާއިން މިހާރު ވަނީ އެ ޓިކެޓްތަކަށް ފުރިހަމައަށް ފައިސާ ދެއްކުމަށް ނުވަތަ ޓިކެޓްތައް ކެންސަލް ކުރާނެ ކަމަށް ބުނެ ސަޕޯޓަރުންނަށް އަންގާފައެވެ. ފީފާއިން ބުނި ގޮތުގައި، ޓިކެޓް ލިބުނު ފަރާތްތަކަށް މި މަހުގެ 3 ވަނަ ދުވަހު އެކަން އަންގައި، ފައިސާ ދެއްކުމަށް ހަތް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. ފީފާގެ މި ނިންމުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. އާންމުން ބުނާ ގޮތުގައި މިއީ ފީފާގެ އަމިއްލަ ސިސްޓަމުން ދިމާވި މައްސަލައަކަށް ވުމުން، މުބާރާތް ފެށެން ކުޑަތަންވެފައިވަނިކޮށް މިގޮތަށް އަމަލުކުރުމަކީ ބޭއިންސާފެކެވެ.
މި ހާދިސާ ހިނގާފައި މިވަނީ ޓޮރޮންޓޯގައި ކުޅޭ ބައެއް މެޗުތަކުގެ ޓިކެޓްތަކުގެ އަގު ބޮޑުވުމުގެ ސަބަބުން، ޓިކެޓް ވިކޭ މިންވަރު މަދުވެފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ފީފާއިން ވަނީ ހިލޭ ދޫކުރެވުނު ޓިކެޓްތައް ބާތިލްކޮށް، އަސްލު އަގުގައި އެ ޓިކެޓްތައް އަލުން ގަތުމުގެ ފުރުސަތު އެ ފަރާތްތަކަށް ދީފައެވެ. މި މަހުގެ 11 ވަނަ ދުވަހު ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވާއިރު، މި ސަޕޯޓަރުންނަށް މިހާރު މަޖުބޫރުވެފައިވަނީ ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ދައްކައިގެން ޓިކެޓް ހޯދުމަށެވެ. މިއީ ތާރީހުގައި ވެސް އެންމެ ފުޅާކޮށް ބާއްވާ ވޯލްޑް ކަޕަށް ވާއިރު، މި މައްސަލައިގެ ސަބަބުން ފީފާގެ ޓިކެޓިން ސިސްޓަމްގެ ރައްކާތެރިކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.
