ފީފާ ވޯލްޑް ކަޕް 2026 އަށް ދެވޭ ކައުންޓްޑައުން ފަހު މަރުހަލާއަށް ބަދަލުވެފައިވަނިކޮށް، ދުނިޔޭގެ އެކި ބައްރުތަކުން މުބާރާތުގައި ވާދަކުރާ ގައުމީ ޓީމުތައް އެމެރިކާ، މެކްސިކޯ އަދި ކެނެޑާއަށް ދާން ފަށައިފިއެވެ. މި މަހުގެ 11 ވަނަ ދުވަހު މެކްސިކޯ ސިޓީގެ އެސްޓާޑިއޯ އަޒްޓެކާ ސްޓޭޑިއަމްގައި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތާއި ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ޓީމުތައް ދަނީ އެ ގައުމުތަކުގައި ގާއިމުކޮށްފައިވާ ބޭސް ކެމްޕުތަަކަށް ޖަމާވަމުންނެވެ. ފީފާގެ ގަވާއިދު ބުނާ ގޮތުން ކޮންމެ ޓީމެއް ވެސް އެ ޓީމެއްގެ ފުރަތަމަ މެޗު ފެށުމުގެ މަދުވެގެން ފަސް ދުވަސް ކުރިން މުބާރާތް ބާއްވާ ގައުމަށް ދާންޖެހެއެވެ.
މުބާރާތުގެ އެންމެ ކުރީގައި އުޅޭ ބޮޑެތި ގައުމުތަކުގެ ތެރެއިން ބްރެޒިލްގެ ޓީމު މިހާރު ވަނީ އެމެރިކާގެ ނިއުއާކަށް ގޮސްފައެވެ. އަދި އާޖެންޓީނާއިން މިސޫރީގެ ކެންސަސް ސިޓީގައި ކެމްޕު ޖަހާފައިވާއިރު، އިންގްލެންޑުގެ ޓީމު ވަނީ ހޫނު މޫސުމުގެ ފަރިތަކުރުންތަކަށް ފްލޮރިޑާއަށް ގޮސްފައެވެ. މީގެ އިތުރުން ނެދަލެންޑްސް، އޮސްޓްރޭލިއާ، ޖަރުމަނުވިލާތް އަދި ސައުތު އެފްރިކާގެ ޓީމުތައް ވެސް ވަނީ އެ ގައުމުތަކަށް ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ގޮސްފައެވެ. ސައުތު އެފްރިކާގެ ޓީމަށް މެކްސިކޯއިން ވަނީ ސަގާފީ މިއުޒިކާއެކު ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
މި އަހަރުގެ ވޯލްޑް ކަޕަކީ 48 ޓީމު ބައިވެރިވާ އަދި ތިން ގައުމެއްގެ 16 ސިޓީއެއްގައި 104 މެޗު ކުޅުމަށް ހަމަޖެހިފައިވާ، ތާރީހުގައި ވެސް ބޭއްވޭ އެންމެ ފުޅާ މުބާރާތެވެ. މިހާ ގިނަ ގައުމުތަކެއް އެކި ސަރަހައްދުތަކަށް ދަތުރުކުރަމުންދާއިރު، ބައެއް ކުޅުންތެރިންގެ ވިސާ ލަސްވުން ފަދަ ކުދިކުދި އިދާރީ މައްސަލަތައް ދިމާވަމުންދާ ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ބުންޏެވެ. ނަމަވެސް، އިމިގްރޭޝަން އިދާރާތަކާ ގުޅިގެން އެކަންކަން ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ޓީމުތަކުގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ މާހައުލަށާއި ވަގުތަށް ހޭނުމަށްފަހު ފަހު އެކުވެރިކަމުގެ މެޗުތައް ކުޅެ، މުބާރާތަށް ފުރިހަމައަށް ތައްޔާރުވުމެވެ.
