އިސްރާއީލުގެ ވައިގެ ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ކުނިބުނިތަކުގެ ތެރެއިން ސަލާމަތްކުރި ސާމާނު ބޭނުންކޮށްގެން ފަލަސްތީނުގެ ޣައްޒާގެ މަސްވެރިން ކުދި ބޯޓުގަނޑުތައް ހަދަން ފަށައިފިއެވެ.
އަލްޖަޒީރާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތަކެތީގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި މަސްވެރިން މި ބޯޓުތައް ބަނުމަށް ބޭނުންކުރަނީ ހަލާކުވެފައިވާ އިމާރާތްތަކުން ހޯދާފައިވާ ފައިބަރުގްލާސް، ލަކުޑި އަދި ދޮރުތަކުގެ އޮނިގަނޑުތަކެވެ.
މަސްވެރިންގެ މި އާދަޔާ ހިލާފު މަސައްކަތަކީ، ހަނގުރާމައިގެ ސަބަބުންނާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ސުންނާފަތިވެ، ހުއްޓުމަކަށް އައިސްފައިވާ ޣައްޒާގެ މަސްވެރިކަމުގެ ސިނާއަތް އަލުން ދިރުވުމަށްޓަކައި ކުރަމުންދާ ވަރަށް މުހިންމު މަސައްކަތެކެވެ. ބޭނުންވާ އަސާސީ ސާމާނު އެތެރެކުރުން އިސްރާއީލުން ހުރަސްއަޅަމުންދާތީ، މަސްވެރިންނަށް މިހާރު މަހަށް ނުކުމެވޭނެ ހަމައެކަނި ގޮތަކީ އަމިއްލައަށް މިފަދަ ވަސީލަތްތައް އުފެއްދުމެވެ.
މި އައު ބޯޓުގަނޑުތަކުގެ އެހީގައި މަސްވެރިން މިހާރު ދަނީ އަލުން ކަނޑަށް ނުކުމެ، މަސްބާޒާރުތަކަށާއި މަސްވެރިންގެ އާއިލާތަކަށް ބޭނުންވާ މަސް ފޯރުކޮށްދެމުންނެވެ. މި ބުރަ މަސައްކަތުގެ ސަބަބުން، ހައިހޫނުކަމާ ކުރިމަތިލާންޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާނާގެ ބާވަތްތައް ހޯދުމަށާއި، މަސްވެރި އާއިލާތަކަށް ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ހޯދުމަށް އެހީތެރިވެދެއެވެ.
