ހަކުރުބައްޔަކީ ވަރަށް އާންމު ބައްޔެކެވެ. އެ ބައްޔަކާއިމެދު ފަރުވާ ކުޑަކުރެވިއްޖެ ނަމަ އޭގެ ސަބަބުން އެތައް ގެއްލުން ތަކެއް އިންސާނާގެ ހަށިގަނޑަށް ކުރުވާ ބައްޔެކެވެ. އެގޮތުން ހަކުރު ބަލިޖެހިފައިވާމީހާ ސަމާލުކަންދޭންވީ ބައެއް ކަންތައްތަކަށް އަލި އަޅުވާލަނަމެވެ.

ހަކުރުބަލި ހުރިކަން އެނގުމުން ލޭގައި ހަކުރުގެ މިންވަރު އަބަދުމެ ރަނގަޅު ހިސާބުގައި ބެހެއްޓުމަށް ސަމާލުކަން ދޭންވާނެއެވެ. ރަނގަޅީ ކެއުމުގެ ކުރީންވެސް އަދި ފަހުންވެސް ހަކުރު މައްޗަށް ދިޔަނުދީ ފަރުވާތެރިކަމާއި އެކު ބަލަހައްޓަމުން ގެންދިއުމެވެ. ގަވާއިދުން ކަސްރަތު ކުރުމާއި، ކެއުމުގެ މިންގަނޑުތައް ރަނގަޅަށް ބެހެއްޓުމާއި، ބޭސްކެއުމުގައި ފަރުވާތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއިން ކޮންމެވެސް އެއްކަމެއް ނޫނީ ދެކަމެއް ކޮށްލުމުން ފުދިދާނެކަމަށް ހީކޮށް އަމަލުކޮށްފިނަމަ ނޭނގި ހުއްޓާ ލިބިދާނެ ގެއްލުން ވަރަށްވެސް ބޮޑެވެ. އަދި ޑަކްޓަރަށް ގަވާއިދުން ދެއްކުމާއި ޑަކްޓަރުގެ ލަފާހޯދައި ލޭގައި ހަކުރު ބަހައްޓަންޖެހޭ މިންވަރަކީ ކޮބައިތޯ ބަލައި މަޝްވަރާކޮށް ޑަކްޓަރުގެ އިރުޝާދުގެ ދަށުން ކަންތައް ކުރަމުންގެންދިއުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

ބައެއްމީހުންނަކީ ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑުމީހުންނެވެ. އެންމެގިނައީ ޓައިޕް 2 ޑައަބިޓީސް އަދި އާއިލާގެތެރޭގައި އުޅޭތީ މިބަލި ޖެހުމުގެ ފުރުސަތު ބޮޑުމީހުންނެވެ. މިބައިމީހުންނަށް ރައްކާތެރިކަން ލިބޭނީ ކިހިނަކުން ހެއްޔެވެ؟ ދޭތެރެ ދޭތެރެއިން ހަކުރު ބަލައިލަ ބަލައިލަ ތިބެންވީ ހެއްޔެވެ؟ ނޫނެކެވެ. ކުރެވިދާނެ ކަންތައް އެބަހުއްޓެވެ. އެންމެ މުހިންމު ކަމަކީ ބަރުދަން ލުއިކުރުމެވެ. ދެން ކެއުމުގައި މެދުމިންވަރެއް ގެންގުޅެ ގަވާއިދުން ކަސްރަތުކޮށް ހަށިގަނޑު ފަލަވެގެން ދިޔަނުދީ ހިފެހެއްޓުމެވެ. މީގެއިތުރުން ހަކުރު ހުރިމިންވަރު ބަލާ ޓެސްޓު ކުރުމާއި ދުޅަހެޔޮ ސިއްޙަތަކަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންކަމަށް ބަލައިގެން އުޅުން ބުއްދިވެރިއެވެ. މީގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، މޭވާއާއި ތަރުކާރީ ގިނައިން ކެއުމާއި، ހަރަކާތްތެރި ދިރިއުޅުމެއް ބައްޓަންކުރުން ހިމެނެއެވެ. ބަލިން ރައްކާތެރިވުން ހަމަ ޔަގީނުންވެސް ފަރުވާލިބުމަށްވުރެ ރަނގަޅެވެ. 

ހަކުރު ބައްޔަކީ އެއްކޮށް ފަސޭހަކުރެވޭ ބައްޔެއް ނޫންކަމުން ބަލަން ޖެހެނީ ބަލި ކޮންޓްރޯލްކުރެވޭތޯ އެވެ. ހަކުރު ބަލީގެ ކޮންމެ ވައްތަރެއް ވިޔަސް ކޮންޓްރޯލް ކުރުމަށްޓަކައި ދިރިއުޅުމުގެ ބައެއް އާދަތަކަށް ބަދަލު ގެންނަންޖެހެއެވެ. އޭގެ ތެރޭގައި:-

• ފުދޭ މިންވަރަށް ކަސްރަތުކުރުން

• ކެއުމަށް އެދެވޭ ބަދަލު ގެނައުން

• ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުން

• ފިކުރު ބޮޑުކުރުމާއި، ހާސްކަމުން ދުރުހެލިވުން

ހަކުރުބައްޔައް އޮތް ފަރުވާ އަކީ ކޮބާތޯ ބަލާލަމާ ހިނގާށެވެ. ހަކުރު ބަލީގެ ދެ ވައްތަރަކަށް ދެ ފަރުވާއެއް ވެއެވެ އެގޮތުން:

1. ހަކުރުބަލީގެ ފުރަތަމަ ވައްތަރުގެ ފަރުވާ:

ހަކުރުބަލީގެ ފުރަތަމަ ވައްތަރުގެ ފަރުވާގައި ހަކުރު ބަލި ކޮންޓްރޯލްކުރުމަށް ކުރެވޭ ކަންތައްތަކުގެ އިތުރުން އިންސިއުލިން އިންޖެކްޝަން ގަވާޢިދުން ޖަހަން ޖެހޭނެއެވެ.

2. ހަކުރުބަލީގެ ދެވަނަ ވައްތަރުގެ ފަރުވާ:

މިވައްތަރުގައި ހަކުރު ބަލި ކޮންޓްރޯލްކުރުމަށް ކުރެވޭ އަމަލުތަކަށް ރަގަޅަށް ސަމާލުކަންދީ އެކަންތައްތައް ކުރުމުން ހަކުރު ބަލި ކޮންޓްރޯލް ކުރެވެއެވެ. އެގޮތުން ކޮންޓްރޯލް ނުކުރެވިއްޖެނަމަ ގުޅަ ބޭސް ބޭނުން ކުރަންޖެހޭނެއެވެ. އަދި ބައެއް ހާލަތްތަކުގައި އިންސިއުލިން ވެސް ޖަހަން ޖެހިދާނެއެވެ. އެއީ ބޭހުން ހަކުރު ބަލި ކޮންޓްރޯލް ނުކުރެވުން، ނުވަތަ ނުރައްކާތެރި ޖަރާސީމެއް ހަށިގަނޑުގައި އަށަގަތުން ފަދަކަމެއް ދިމާވުމުންނެވެ. ނޫންނަމަ މި ވައްތަރުގެ ހަކުރު ބައްޔަކީ ކެއުމާއި ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން ކޮންޓުރޯލު ކުރެވިދާނެ ބައްޔެކެވެ.