ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ފޮނުއްވި މެސެޖެއްގައި، ކަނޑުގެ އަޑީގައިވާ ބާވަތްތައް އިތުރަށް ދިރާސާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެއްޖެއެވެ.
މިގޮތުން ސަރުކާރުގެ ސިޔާސަތަކީ ކަނޑުން ލިބޭ މަންފާ އިތުރުކުރުން ކަމަށްވާއިރު، ފާއިތުވީ އަހަރު ރާއްޖެއަށް ތައާރަފްކުރި ސީވީޑް އެކުއަކަލްޗަރ ސިނާއަތުގެ ފުރަތަމަ ޝިޕްމަންޓް މި އަހަރު ކާމިޔާބުކަމާއެކު އެކްސްޕޯޓްކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ސިނާއަތް އިތުރަށް ފުޅާކުރުމަށްޓަކައި މިހާރުވެސް އިތުރު ދެ ކުންފުންޏަކުން އިންވެސްޓްކޮށް، އަމަލީ މަސައްކަތް ވަނީ ފަށާފައެވެ.
އިގްތިސާދު ސިންދަފާތުކުރުމުގެ މަސައްކަތް އަވަސްކުރަން ޖެހުނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ހޫނުވެ، ކަޅުބިލަމަސް ފަދަ ބާވަތްތައް ފުން ކަނޑުތަކަށް ހިޖުރަކުރަން ފެށުމުންނެވެ. މީގެ ސަބަބުން ދިވެހިން ކުރަމުންދާ ދޮށީގެ މަސްވެރިކަމަށް ނޭދެވޭ އަސަރުކޮށް، މަސްވެރިކަމުގެ ނުމޫސުން ދިގުވެ، 2024 ވަނަ އަހަރުން ފެށިގެން މުޅި އިންޑިއާ ކަނޑުގެ މަސްވެރިކަމުގެ އުފެއްދުންތެރިކަން ވަނީ ބޮޑުތަނުން ދަށްވެފައެވެ. ދުނިޔޭގެ އިގްތިސާދީ ނާޒުކު ފައްތަރެއްގައި އޮތް މި ދަނޑިވަޅުގައި، ރާއްޖޭގެ 99 އިންސައްތަ ހިއްސާކުރާ ކަނޑުގެ މާހައުލުން އާ އީޖާދުތަކެއްގެ އެހީގައި ފުރިހަމަ ނަފާ ހޯދުން މިހާރު ވަނީ ކޮންމެހެން ބޭނުންތެރި ކަމަކަށް ވެފައެވެ.
ކަނޑުގެ ވަސީލަތްތައް ފުޅާކުރުމުގެ ބައިނަލްއަގުވާމީ މަޝްރޫއުތަކަށް ބަލާއިރު، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމްއިއްޔާ (އެފްއޭއޯ) ގެ ޓެކްނިކަލް އެހީގައި ސީވީޑުން އާ އުފެއްދުންތައް ތައްޔާރުކުރުމުގެ މަޝްރޫއަކަށް މިހާރު ވަނީ ފެހި ސިގްނަލް ލިބިފައެވެ. މީގެ އިތުރުން ޖަޕާނު ސަރުކާރުގެ އެހީގައި ކަނޑުގެ ނަފާ އިތުރުކުރުމުގެ އާ ޕްރޮޖެކްޓެއް އެކުލަވާލުމަށް މަޝްވަރާކުރަމުންދާއިރު، މިއީ ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމެކެވެ. 'އޯޝަން ޑެކޭޑް' ގެ ގޮތުގައި ފާހަގަކުރާ މި ދުވަސްވަރު ސައިންޓިފިކް ދިރާސާތައްކޮށް، އާ ޓެކްނޮލޮޖީ ތައާރަފްކޮށްގެން ކަނޑުގެ ފުރިހަމަ ނަފާ ހޯދުމުގައި ދިވެހިން އެންމެ ކުރީ ސަފުގައި ތިބުމަކީ ސަރުކާރުގެ ބޮޑު އުންމީދެކެވެ.
