ނިއުމާ މުހައްމަދު ސޮއިކުރީ އެންމެން ހީކުރި ފަދަ ސިޔާސީ ޕާޓީއަކަށް ނޫނެވެ؛ އޭނާ ސޮއިކުރީ ކެމެރާގެ ކުރިމައްޗަށް އަލުން ނުކުތުމަށް، މަޝްހޫރު ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ އާ ފިލްމު 'ޕާޓީ' އަށެވެ!

ފިލްމީ މަސައްކަތްތަކާ ދުރުގައި ހުރި ނިއުމާ އަލުން އެނބުރި އަންނަނީ މަޝްހޫރު ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ އައިފިލްމްސްއިން ތައްޔާރުކުރާ އާ ފިލްމު 'ޕާޓީ' އަށެވެ. މި ފިލްމުގެ މުހިންމު ރޯލަކަށް ނިއުމާ މިހާރު ވަނީ ރަސްމީކޮށް ސޮއިކޮށްފައެވެ. މިއީ ނިއުމާގެ ފޭނުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުފާވެރި ޚަބަރެކެވެ.

'ޕާޓީ'ގެ ނަމުގައި އާ ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެކަން ޑައިރެކްޓަރު އިއްލެ އިއުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި ފިލްމުގެ މައިގަނޑު ކާސްޓުންނަކީ ކޮބައިކަން އިއްލެގެ ޓީމުން އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ނިއުމާ ފިލްމަށް ސޮއިކުރިކަން މިހާރު ވަނީ ކަށަވަރުވެފައެވެ. އިއްލެގެ ތަފާތު އަދި ކާމިޔާބު ޑައިރެކްޝަނާއެކު ގެނެސްދޭ މި ފިލްމުން ނިއުމާ ފެނިގެންދިއުމަކީ ފިލްމަށް ބެލުންތެރިން ކުރާ އިންތިޒާރު ބޮޑުވެގެންދާނެ ކަމެކެވެ.

ނިއުމާ އެންމެ ފަހުން ކެމެރާގެ ކުރިމަތިން ބޮޑު ރޯލަކުން ފެނިގެންދިޔައީ 2019 ވަނަ އަހަރު ރިލީޒްކުރި 'ނިވައިރޯޅި' އިންނެވެ. އެއީ އޭނާގެ ވަދާއީ ފިލްމުގެ ގޮތުގައި ނިއުމާ އަމިއްލައަށް ޕްރޮޑިއުސްކޮށް، މޫމިން ފުއާދު ޑައިރެކްޓްކުރި ފިލްމެކެވެ. އެ ފިލްމަށްފަހު އެކްޓިންއާ ދުރުގައި ހުރުމަށްފަހު، އަނެއްކާވެސް އިއްލެގެ 'ޕާޓީ' އިން ނިއުމާ ކެމެރާގެ ކުރިމައްޗަށް އައުމަކީ ދިވެހި ސިނަމާއަށް ލިބޭނެ އިތުރު ދިރުމެކެވެ.