އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުގައި މިދިޔަ ހަފުތާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފިރިހެނަކު ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ އައްޑޫ ސިޓީ ހިތަދުއަށް އުފަން ރަމީޒް އަބްދުﷲ އެވެ. މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ ހިނގި މި އެކްސިޑެންޓުގައި އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ، އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާދެމުން ދިޔައީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ހިތަދޫ ބޮޑު މަގުން ދަތުރުކުރި ދެ ސައިކަލެއް ޖެހިގެންނެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ހާދިސާގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، މަގުގެ ނުބައި ފަޅިން ބާރު ސްޕީޑުގައި ދިޔަ ސައިކަލެއް ވަނީ އެ ދިމާލުން މަޑުމަޑުން ދިޔަ އެހެން ސައިކަލެއްގައި ބާރަށް ޖެހިފައެވެ. އެކްސިޑެންޓުގެ ބާރުގަދަކަމުން ސައިކަލް ދުއްވަން އިން މީހާ ވިއްސައިގެން ގޮސް ދުރަށް ވެއްޓޭ މަންޒަރު ވެސް އެ ވީޑިއޯއިން ސާފުކޮށް ފެންނަން ހުއްޓެވެ.

މި ހާދިސާއާ ގުޅިގެން ރަމީޒަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ލައިފް ސަޕޯޓުގައި ބާއްވައިގެން ޑޮކްޓަރުން ދިޔައީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް، ލިބިފައިވާ އަނިޔާތަކުން ސަލާމަތް ނުވެވި އޭނާ ހޯމަ ދުވަހު ވަނީ ފުރާނަ ދޫކޮށްލާފައެވެ.