މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިންގެ ތެރެއިން އެންމެ ފަހު ގްރޫޕް ރާއްޖެ އައުމަށް ތާވަލުކޮށްފައިވަނީ މިއަދުއެވެ. ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލައިޓެއްގައި ކުރާ މި ދަތުރު ސައުދީ ގަޑިން ހަވީރު 4:00 ގައި ފަށާއިރު، ރާއްޖެއަށް ދެވޭނެ ކަމަށް ލަފާކުރެވެނީ ރާއްޖެ ގަޑިން ރޭގަނޑު 12:00 ހާއިރުއެވެ. އެ ފްލައިޓާއެކު މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ހުރިހާ ޙާޖީން އެނބުރި ޤައުމަށް އައިސް ނިމޭނެއެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު، ދިވެހި ޙައްޖުވެރިންގެ ތިންވަނަ ގްރޫޕް ރޭގަނޑުގެ ވަގުތެއްގައި ރާއްޖެ ވަނީއައިސްފައެވެ. މަދީނާއިން ފުރައިގެން ސްރީލަންކާގައި ޓްރާންސިޓް ކުރުމަށްފަހު، ސައުދީ އެއަރލައިންގެ މި ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ ރޭގަނޑު 8:40 ހާއިރުއެވެ. މިއީ މިއަހަރު ސައުދީ އެއަރލައިން މެދުވެރިކޮށް ދިވެހި ޙައްޖުވެރިން ރާއްޖެއަށް އައި ފަހު ފްލައިޓެވެ.

މި ފްލައިޓުން ޖުމްލަ 271 އަށްވުރެ ގިނަ ޙައްޖުވެރިން ރާއްޖެ އައިސްފައިވާއިރު، އެއަރޕޯޓުން އެބޭފުޅުންނަށް މަރުޙަބާ ކިޔުމަށް ގިނަ އަދަދެއްގެ ޢާއިލާގެ މެންބަރުން އެއަރޕޯޓަށް ޖަމާވިއެވެ. ޙައްޖުވެރިންނަށް އެއަރޕޯޓުން ފަސޭހަކަމާއެކު ނުކުމެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ހާޖީންގެ ދާގީނާ އުފުލުމާއި، އަވަހަށް އުޅަނދުތަކަށް އެރުމުގެ ކަންކަމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އެކި މުއައްސަސާތަކުގެ މުވައްޒަފުން ވަނީ ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.