ޗައިނާގައި މިހާރު ވަނީ މުޅިން ތަފާތު އަދި މަޖާ ކޮންސެޕްޓަކަށް ބާއްވާ މުބާރާތެއް އާންމުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. ސީ.އެން.އެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މުބާރާތަކީ ކްލާސްރޫމެއްގެ މާހައުލު ސިމިއުލޭޓްކޮށްގެން (ނަކަލުކޮށްގެން) ކުރިއަށްގެންދާ ކަމެކެވެ. މިއީ މިހާރު އެގައުމުގައި ސޯޝަލް މީޑިއާގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައެވެ.
މި މުބާރާތުގައި ބައިވެރިވާ ބޮޑެތި މީހުންނާއި ކުޑަކުދިން އަމަލުކުރަންޖެހޭ ގަވާއިދުތައް ވަރަށް ފަސޭހައެވެ. ބައިވެރިން ކުރަންޖެހޭނެ ކަމަކީ ކްލާހުގައި ހުންނަ ޓީޗަރަށް އެއްގޮތަކަށް ވެސް ނޭނގޭނެހެން ސިއްރުން ތިބެ، އެމީހެއްގެ ކުރިމަތީގައި ހުރި ކާނާ އެއްކޮށް ކައި ހުސްކޮށްލުމެވެ. ކައިނިމުމުގެ ކުރިން ޓީޗަރަށް ފެނިގެން އަތުލައިގަނެފިނަމަ އެ މީހަކު މުބާރާތުން ކެޓީއެވެ.
ސްކޫލް ދައުރުގެ ހަނދާންތައް އާކޮށްދޭ މި މަޖާ މުބާރާތް ވެފައިވަނީ ގިނަ ބައެއްގެ މެދުގައި ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދިން ކަމަކަށެވެ. މުބާރާތުގައި ބައިވެރިވާ މީހުން ޓީޗަރު ކިޔަވައިދޭ ވަގުތުތަކުގައި ސިއްރުސިއްރުން އަވަސްއަވަހަށް ކާން އުޅޭ މަންޒަރުތައް ފެންނަ ވީޑިއޯތަކަށް ސޯޝަލް މީޑިއާގައި އެތައް މިލިއަން ވިއުސްއެއް ވަނީ ލިބިފައެވެ.
