މަސްތުވާތަކެތި ސައިކަލުތަކެއްގައި ފޮރުވައި، އަދި ސައިކަލުގެ ތަޅުދަނޑި ފުރަގަސް ފަރާތުގައި ފޮރުވައިގެން ގެންގުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ، ސެލްޓަން، 49 އަހަރުގެ މުޙައްމަދު ރަޝީދެވެ. އޭނާ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރިއިރު، އޭނާގެ ފުރަގަސްފަރާތުން ދެ ސައިކަލެއްގެ ތަޅުދަނޑި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގެ ތަހުގީގަށް ހޯދި ހެކިތަކުން، އޭނާ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ ކަމަށް ކޯޓު އަމުރުގައި ވެއެވެ. އެގޮތުން، އޭނާ މަޑި ހުޅުވައިގެން ހުރި ދެ ސައިކަލެއް ބަލައި ފާސްކުރިއިރު، އެ ސައިކަލުތަކުގެ ތެރެއިން 161.52 ގްރާމް ކެނަބިސް އާއި 17 ގްރާމް ޑައިމޯފިން އަދި 48.8 ގްރާމްގެ އެހެނިހެން މަސްތުވާތަކެތި ފެނިފައިވެއެވެ. އޭގެ އިތުރުން، އޭނާ ދިރިއުޅޭ ގޭގެ ސީސީޓީވީ ކެމެރާގެ ހާޑް ޑިސްކު ނައްތާލަން މަސައްކަތްކުރިކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެތަން ބަލާ ފާސްކުރިއިރު، މަސްތުވާތަކެތި ހޭކިފައިވާ ތަކެތި ވެސް ފެނިފައިވެއެވެ.
މުޙައްމަދު ރަޝީދުގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. ފުލުހުން ހާދިސާ ހިނގި ތަނަށް ދިޔަ ވަގުތު އޭނާ ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާކަން ވެސް ފާހަގަކުރެވިފައިވެއެވެ. އޭނާގެ މައްޗަށް އެކަށީގެންވާ ވަރަށް ހެކި ހުށަހެޅިފައިވާތީ، މައްސަލަ ތަހުގީގުކޮށް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
