ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތި ލޭބަލްކުރުމާއި ބަންދުކުރުމުގެ މިންގަނޑުތައް ހަރުކަށިކޮށް، ގަވާއިދާ ހިލާފުވާ ފަރާތްތައް 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ން އާ ގަވާއިދެއް އާންމުކޮށްފިއެވެ.

ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގްސަދުގައި އެކުލަވާލި މި ގަވާއިދުގެ ދަށުން، ލޭބަލް ނުކޮށް ނުވަތަ އަސްލު އޮޅޭގޮތަށް ލޭބަލްކޮށްގެން މުދާ ވިއްކުމަކީ މިހާރު މަނާކަމެކެވެ.

މި ގަވާއިދުގައި ކާބޯތަކެތި ބަންދުކުރަން ބޭނުންކުރާ ތަކެއްޗަކީ ފުޑް ގްރޭޑަޑް މެޓީރިއަލްއަކަށް ވާންޖެހޭނެ ކަމަށާއި، ކާބޯތަކެތި އެޅުމަށް ހާއްސަކޮށްފައި ނުވާ ކަންވާރުތައް ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލަން ހަދާފައި ހުންނަ ޕެޓު ފުޅި ފަދަ ޕްލާސްޓިކު ފުޅިތައް ކާބޯތަކެތި ބަންދުކުރަން ބޭނުންކުރުން ހިމެނެއެވެ.

ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ އިހުތިޔާރު އެމްއެފްޑީއޭއަށް ލިބިގެންވާއިރު، ކުށުގެ ބާވަތަށް ބަލައި 5،000 ރުފިޔާއިން ފެށިގެން 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުތަކުން ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން ލައިސެންސް ހިފެހެއްޓުމާއި ބާތިލުކުރުމުގެ ބާރު ވެސް އެ އިދާރާއަށް ލިބިގެންވެއެވެ. މި ގަވާއިދަށް އަމަލުކުރުމުގެ ކުރިން ބަންދުކޮށްފައި ހުރި ތަކެތި އާ މިންގަނޑުތަކަށް ފެއްތުމަށް ވިޔަފާރިތަކަށް ހަ މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.