ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށް، ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ. އޭނާ ފުލުހުންގެ ހިދުމަތުން ސަސްޕެންޑްކޮށްފައިވަނީ މުސާރަ ނުލިބޭ ގޮތަށެވެ. ފުލުހުން ބުނި ގޮތުގައި، މި މައްސަލައިގެ ޖިނާއީ ތަހުގީގު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ކުރިއަށް ގެންދާއިރު، އޭނާއާ ގުޅޭ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ވަކިން ބަލަމުންދެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކަކަށް ވުމުން، އަނިޔާ ލިބުނު ކުއްޖާގެ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން، އެ ކުއްޖާގެ ވަނަވަރާއި ހާދިސާ ހިނގި ވަކި ރަށެއް ފުލުހުން އާންމުކޮށް ހާމައެއް ނުކުރެއެވެ.