އިންޑިއާގެސްޓޭޓެއް ކަމަށްވާ މަހަރަޝްތްރާގައި އަމިއްލަ މީހަކު ހިންގަމުންދާ އޭވިއޭޝަން އެކަޑަމީއަކުން، ދަރިވަރުންގެ ތަމްރީނުތަކަށް ބޭނުން ކުރަމުންދިޔަ ފްލައިޓެއް ވެއްޓި، އެ ބޯޓު ދުއްވަން އިން ޕައިލެޓު މަރުވެއްޖެއެވެ. އެ ބޯޓު ވެއްޓުނުއިރު ތަމްރީން ހަދަމުންދިޔަ އަންހެން ދަރިވަރަކުވެސް އިނެވެ. ނަމަވެސް މިހާދިސާގައި އޭނާ ވަނީ ސަލާމަތްވެފައެވެ.

އިއްޔެ ހަވީރު މި ހާދިސާ ހިނގިއިރު، ބޯޓު ބިންމައްޗަށް ވެއްޓުނީ، އުދުއްސާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. އެ ހާދިސާގައި ޕައިލެޓް މަރުވިއިރު، ތަމްރީން ހަދަމުންދިޔަ އަންހެން ދަރިވަރަށް އަނިޔާތަކެއް ވަނީ ވެފައެވެ. އެ ބޯޓު ވެއްޓުނީ އާންމުން ދިރިއުޅޭ ސަރަހައްދަކާއި ކައިރި ސަރަހައްދަކަށެވެ. އެހެންކަމުން، އާއްމުން ވަނީ ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ ޕައިލެޓް-އިންސްޓްރަކްޓަރ ނޫރުލް އަމީން ނަމަކަށް ކިޔާ އުމުރުން 28 އަހަރުގެ މީހެކެވެ. ބޯޓުގައި އިން އަންހެން ޓްރެއިނީއަކީ ޕައިލެޓް އަންޝިކާ ގުރްޖާރް ނަމަކަށް ކިޔާ 22 އަހަރުގެ ޒުވާނެކެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް އެ ސަރަހައްދުގެ "ނަނަވަތީ" ހޮސްޕިޓަލުން އަންނަނީ ފަރުވާ ހޯދަމުންނެވެ.

އެންމެ ދެ ގޮނޑި އިންނަ އެ ބޯޓަކީ އިޓަލީން އުފައްދާފައިވާ ބޯޓެކެވެ. އެ ބޯޓު ބޭނުން ކުރަމުން އައީ "އެން.އެމް.އައި.އެމް.އެސް" އޭވިއޭޝަން ނަމަކަށް ކިޔާ މި އެކަޑަމީންނެވެ. އެއީ އަލަށް ބޭނުން ކުރަން ފެށި ބޯޓެއް ކަމަށް ރިޕޯޓްތައް ބުނާއިރު، މަރުވި އެ ޕައިލެޓަކީ ވަރަށް ސީނިއާ ޕައިލެޓެއް ކަމަށާއި، އޭނާއަކީ 500 އެތައް ގަޑިއިރެއްގެ ފްލައިންގ ތަޖުރިބާ ހުރި ޕައިލެޓެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.