ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑަށް ސަޕޯޓުކުރައްވާ ފުޓުބޯޅަ ޓީމުތަކަކީ އާޖެންޓީނާ އާއި އިނގިރޭސިވިލާތް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރެއްވީ ސަރުކާރުން ސޯޝަލް މީޑިއާގައި އާންމުކުރި "ފީފާ 101 ވިތް ޕްރެޒިޑެންޓް" ނަމަކަށް ކިޔާ ވީޑިއޯއެއްގައެވެ. އެމަނިކުފާނު ވިދާޅުވީ އާޖެންޓީނާއަށް ސަޕޯޓުކުރަން ފެށުނީ ކުރީގެ ފުޓުބޯޅަ ތަރި މެރެޑޯނާގެ ސަބަބުން ކަމަށެވެ.

އާޖެންޓީނާގެ އިތުރުން އިނގިރޭސި ޓީމަށް ސަޕޯޓުކުރައްވަނީ މެންޗެސްޓާ ޔުނައިޓެޑަށް ތާއީދުކުރައްވަން ފެށި ހިސާބުން ކަމަށް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. "އާޖެންޓީނާއަށް ނުލިބިއްޖެނަމަ އިނގިރޭސިވިލާތަށް ލިބުނީމަ ހުންނާނީ ރަނގަޅަށް،" ވޯލްޑްކަޕްގެ ތަށީގެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

މި ވީޑިއޯގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑުންނަށް ހަދިޔާކުރާ ބޯޅަތަކެއްގައި ސޮއިކުރައްވާފައެވެ. އަދި ހުރިހާ ރައްޔިތުންނަށް ވޯލްޑްކަޕް މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއަށް އެމަނިކުފާނު ވަނީ އިރުޝާދު ދެއްވާފައެވެ.