މިދިޔަ މެއި މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 2.05 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ. މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 5.8 ޕަސަންޓު ދަށް އަދަދެކެވެ. އަދި މިއީ މިއަހަރުގެ މެއި މަހު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށް ވުރެ ވެސް ދަށް އަދަދެކެވެ.

މި އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބެއް ކަމަށް މީރާއިން ފާހަގަކުރަނީ މެއި މަހު ރާއްޖެ ޒިޔާރާތްކުރި ޓޫރިސްޓުންގެ އަދަދު، އޭގެ ކުރީ އަހަރާ އަޅާބަލާއިރު 19.5 ޕަސަންޓު ދަށްވުމެވެ. މީގެ އިތުރުން ޖީއެސްޓީ އާއި ޓޫރިޒަމް ދާއިރާގެ ބިމު ކުލި އަދި ބިދޭސީންގެ ކޯޓާ ފީއިން ލިބުނު އާމްދަނީ ދަށްވުން ވެސް މިކަމަށް އަސަރުކޮށްފައިވެއެވެ. މެއި މަހު ލިބުނު ޖުމްލަ އާމްދަނީގެ ތެރޭގައި 88.54 މިލިއަން ޑޮލަރު ހިމެނެއެވެ.

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެ ބައިން އެކަނި ވެސް 1.15 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީރާއިން ލަފާކުރާ ގޮތުގައި މިއަހަރުގެ މެއި މަހުގެ އާމްދަނީ 0.3 ޕަސަންޓު ދަށްވާނެއެވެ. ދައުލަތުގެ އާމްދަނީ ދަށްވި ނަމަވެސް، ޓެކްސްތައް ބަލައިގަތުމުގެ މަސައްކަތް މީރާއިން ދަނީ ކުރަމުންނެވެ.