މާލެ ވިޔަފާރި ބަނދަރުގެ މަގަތު ފާލަން ހުޅުވިތާ 29 އަހަރު ފުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ފާހަގަކޮށްފި އެވެ. އެ ކުންފުނިން ބުނީ 1997 ވަނަ އަހަރު ގާއިމުކުރި މި ފާލަމަކީ، ފާއިތުވި 39 އަހަރުގެ ތެރޭގައި އެ ބަނދަރުގައި ހިންގި ތަރައްގީގެ އެންމެ މުހިންމު އެއް މަޝްރޫއު ކަމަށެވެ.
މާލެ ވިޔަފާރި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން މި މަގަތު ފާލަން ބިނާކުރުމުގެ ކުރިން، ބަނދަރުގެ އޮޕަރޭޝަންތައް ހިންގުމަށާއި ހިދުމަތުގެ ފެންވަރަށް އެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް އެމްޕީއެލް އިން ބުންޏެވެ. ނަމަވެސް، 11 ޖޫން 1997 ގައި މި ފާލަން ރަސްމީކޮށް ހުޅުވުމާއެކު ބަނދަރުގެ އޮޕަރޭޝަންތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދިޔަ އެވެ.
ބަނދަރުގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް މި ފާލަން މުހިންމު ދައުރެއް އަދާކުރަމުން އަންނައިރު، މިއަދާ ހަމައަށް ވެސް މާލެ ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރު ބޯޓުފަހަރު ކައިރިކުރުމަށް ބޭނުންކުރާ ހަމައެކަނި ހާއްސަ މަގަތު ފާލަމަކީ މިއީ އެވެ.
އެމްޕީއެލްގެ އޮޕަރޭޝަންތައް ފުޅާކޮށް ހިދުމަތްތައް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، 29 އަހަރުވީ މި މަގަތު ފާލަމަކީ އެ ކުންފުނީގެ ތާރީހީ އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި އެ ފަރާތުން ސިފަކުރެ އެވެ.
