މިރޭ ފަށާ ފީފާ ވޯލްޑްކަޕްގެ މެޗުތައް އާންމުންނަށް ފަސޭހަކަމާއެކު ބެލޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީން ބަހައްޓައިގެން މެޗުތައް ދައްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

އެޗްޑީސީން ބުނީ މުބާރާތުގެ މެޗުތައް ދެއްކުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ޕީއެސްއެމް އާ ގުޅިގެން ކަމަށެވެ. ބޮޑު ސްކްރީންތައް ބަހައްޓާފައިވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކާއި، ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް ޓަވަރު 9 ކުރިމަތީގައި ހުންނަ ރޯދަ މާރުކޭޓު ޓެންޓު ކައިރީގެ އިތުރުން ފްލެޓް 137 ކައިރީގައި ހުންނަ ހެދިކާ ޓެންޓު ކައިރީގަ އެވެ.

މި ތިން ސަރަހައްދުގައި ބަހައްޓާފައިވާ ސްކްރީންތަކުން މިއަހަރުގެ ވޯލްޑްކަޕްގައި ކުޅޭ ހުރިހާ މެޗެއް ވަގުތުން ދައްކަމުން ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެހެންކަމުން މިއީ އެކުވެރިންނާއި އާއިލާއާއެކު ފޯރީގައި މެޗުތައް ބަލާލަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ މި އަހަރުގެ ވޯލްޑްކަޕް މުބާރާތް ފަށާނީ މިރޭ ރާއްޖެ ގަޑިން މެންދަމު 12 ޖަހާއިރު އެވެ. މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ މެކްސިކޯ އާއި ސައުތު އެފްރިކާ އެވެ. މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހު އެވެ.