މޯލްޑިވްސް ޒަކާތު ހައުސްއިން މިއަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ކޮންމެ ބޮލަކަށް 5،500 ރުފިޔާ ބަހައިފި އެވެ. ޒަކާތު ހައުސްއިން މިއަދު ހާމަކުރި ގޮތުގައި މިއީ ރާއްޖޭގެ ތާރީހުގައި ވެސް މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހުނު އެންމެ ބޮޑު އަދަދެވެ.

އެ އިދާރާއިން ބުނީ، ހިޖުރީގޮތުން 1447 ވަނަ އަހަރުގެ ހައްޖުމަހުގެ 1 ވަނަ ދުވަހާ ހަމައަށް ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ޖުމުލަ 2،384 މީހުންނަށް މުދަލު ޒަކާތުގެ ފައިސާ މިހާރު ޖަމާކޮށްދީފައިވާ ކަމަށެވެ. މިއަހަރު ބެހި ފައިސާގެ ޖުމުލަ އަދަދު 13,112,000 (ތޭރަ މިލިއަން އެއްލައްކަ ބާރަހާސް) ރުފިޔާއަށް އަރާ ކަމަށް ވެސް ޒަކާތު ހައުސްއިން ބުންޏެވެ.

މުދަލު ޒަކާތަކީ ތިމާގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރު ވުމުން ޝަރުއީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައިކުޅަ އެއްބައި ނުވަތަ 2.5 ޕަސަންޓު ނެރުން ވާޖިބުވާ އިސްލާމްދީނުގެ މުހިންމު ރުކުނެކެވެ. ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަންނަނީ ދައުލަތުގެ ޓެކްސް އިދާރާ، މީރާއިންނެވެ. މީރާގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.