އެމެރިކާ ބައްރުގައި ކުރިއަށްދާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ ފުރަތަމަ މެޗުގައި މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި ސައުތު އެފްރިކާއާ ވާދަކޮށް 2-0 އިން މޮޅުވެ، މުބާރާތް ހޯސްޓުކުރާ އެއް ގައުމު ކަމަށްވާ މެކްސިކޯއިން ފެށުން ގަދަކޮށްފި އެވެ. ގްރޫޕް އޭ ގައި ހިމެނޭ މި ދެ ޓީމު ބައްދަލުކުރި ފޯރިގަދަ މެޗުން މެކްސިކޯ މޮޅުވީ މެޗުގެ ދެ ހާފުގައި ވެސް ގޯލު ޖަހައިގެންނެވެ.
އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މެކްސިކޯއިން ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފަ އެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި މި ގޯލު ޖަހައިދިނީ ހޫލިއަން ކީނިއޮނެސް އެވެ. މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި މެކްސިކޯގެ ދެވަނަ ގޯލު މެޗުގެ 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ ރައުލް ހިމެނޭޒް އެވެ.
ޝަކީރާ އާއި ބާނާ ބޯއިގެ ހުށަހެޅުންތަކާއެކު ކުލަގަދަ ރަސްމިއްޔާތަކުން މުބާރާތް ހުޅުވި ނަމަވެސް، މިއީ ވޯލްޑްކަޕްގެ ތާރީހުގައި ވެސް ހުޅުވާ މެޗެއްގައި އެންމެ ގިނަ ރެޑް ކާޑު ދެއްކި މެޗެވެ. މި މެޗުގައި ޖުމުލަ ތިން ރަތް ކާޑު ދައްކާފައިވާއިރު، މީގެ ތެރެއިން ދެ ކާޑު ދެއްކީ ސައުތު އެފްރިކާގެ ކުޅުންތެރިންނަށެވެ. އެއީ މެޗުގެ 49 ވަނަ މިނެޓުގައި ސްޕެފެލޯ ސިތޯލޭ އަދި ފަހުކޮޅު ތެމްބާ ޒްވާނޭ އަށެވެ. މެކްސިކޯގެ ސެސާ މޮންޓޭސް އަށް ވެސް މެޗުގެ ފަހުކޮޅު ވަނީ ރަތް ކާޑު ދައްކާފަ އެވެ.
