އެމެރިކާގެ އިރުއުތުރު އަވަށެއް ކަމަށްވާ މޭއިން އަވަށުގައި ބުޅަލެއް ސަލާމަތްކުރުމުގެ ތެރޭގައި މީހަކު މަރުވެއްޖެއެވެ. މިހާދިސާ ހިނގާފައިވަނީ ރޭގަނޑުގެ ވަގުތެއްގައެވެ.
އުމުރުން 30 އަހަރުގެ މައިކަލް ވިންގް ނަމަކަށް ކިޔާ މި މީހާ މަރުވެފައި ވަނީ، އަނިޔާ ލިބިފައިވާ ބުޅަލެއް ސަލާމަތް ކުރުމުގެ ތެރޭގައެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ ބުޅަލުގެ ފަޔަކާއި އަތަކަށް ވަނީ ގެއްލުންވެފައެވެ. މަގެއް ހުރަސް ކުރަމުން ދިޔަ އެ ބުޅާ މަގުގެ އެއް ފަރާތަކަށް ޖެއްސުމަށް ވިންގް މަސައްކަތް ކުރިކަމަށް މަންޒަރުދުށް މީހުން ބުންޏެވެ. އެ މަގަކީ ހަނި ގޯޅިއެއް ފަދަ މަގަކަށް ވެފާ އެ މަގުގައި މާ ބޮޑު އަލިކަމެއް ފެންނާކަށް ނުހުރެއެވެ.
ވިންގް މަރުވެފައިވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި އައި ޓުރަކެއްގައި ޖެހިގެންނެވެ. މަންޒަރުދުށް މީހުން ބުނާ ގޮތުގައި ވިންގް ލައިގެ ހުރި ޓީޝާޓުގެ ސަބަބުން އެ އަނދިރީގައި އެ ޓުރަކު ދުއްވަން އިން މީހާ އަށް ވިންގް ނުފެނުނީއެވެ. މި ހާދިސާ ހިނގިއިރު ވިންގް ލައިގެން ހުރީ ކަޅު ކުލައިގެ ހޫޑީ އެއްކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ވިންގް އަކީ މަޑުމައިތިރި މިޒާޖެއްގެ އޯގާތެރި ފިރިއެއް ކަމަށާއި އަޅާލުން ބޮޑު ބައްޕައެއް ކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ. އަދި އޭނާ އަކީ އެންމެ ކުޑައިރުއްސުރެ ބުޅާ ގެންގުޅެން ލޯބިކުރާ އަދި ގެންގުޅެމުން އަންނަ މީހެކެވެ. މިހާދިސާ އާއި ގުޅިގެން ބުޅަލަށް ލޯބިކުރާ ގިނަ ބަޔަކު އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. އަދި މި ހާދިސާގައި ވިންގް ގެ އާއިލާއަށް އިންސާފު ހޯދައިދޭންވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
