2026 ފީފާ ވޯލްޑްކަޕްގެ ފޯރި މުޅި ރާއްޖޭގައި ހިފާފައިވާއިރު، މެޗުތައް ބަލާލުމަށް މާލެ ސަރަހައްދުގައި ގިނަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ސްޕޯޓްސް މިނިސްޓްރީން އިންތިޒާމުކޮށްގެން މާލޭގެ ޔޫތު ހަބުގައި ހިލޭ މެޗުތައް ބެލޭނެ ގޮތް ހަމަޖައްސާފައިވާއިރު، އެތަނުގައި ތަފާތު ހަރަކާތްތަކާއި އިނާމު ދިނުމުގެ އިތުރުން ކެއިންބުއިމުގެ ހިދުމަތް ވެސް މުބާރާތުގެ ނިޔަލަށް ލިބެން ހުންނާނެ އެވެ.
އެޗްޑީސީ އާއި ޕީއެސްއެމް ގުޅިގެން ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ވެސް އާންމުންނަށް ހިލޭ މެޗުތައް ބެލޭނެހެން ވަނީ ބޮޑު ސްކްރީން ބަހައްޓާފަ އެވެ. އެއީ ހުޅުމާލެ ސެންޓްރަލް ޕާކާއި، ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް ޓަވަރު 9 ކުރިމަތީގައި ހުންނަ ރޯދަ މާރުކޭޓު ޓެންޓު ކައިރީގެ އިތުރުން ހުޅުމާލޭގެ ފްލެޓް 137 ކައިރީގައި ހުންނަ ހެދިކާ ޓެންޓު ކައިރި އެވެ. މިއީ އެކުވެރިންނާއި އާއިލާއާއެކު މެޗުތައް ބަލާލަން އެންމެ ފުރިހަމަ އެއް މާހައުލެވެ.
މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ޕީއެސްއެމް މެދުވެރިކޮށް ބޮޑު ސްކްރީނުން މެޗުތައް ދެއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭގެ އިތުރުން އަމިއްލަ ފަރާތްތަކުންނާއި ކެފޭތަކާއި ރިސޯޓުތަކުގައި ވެސް މެޗުތައް ދައްކާއިރު، ގޭގައި ތިބެގެން ވެސް ޓީވީ އާއި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފަސޭހަކަމާއެކު މުޅި މުބާރާތް ބަލާލެވޭނެ އެވެ.
