ފީފާ ވޯލްޑްކަޕްގެ ފޯރި ފެށުމުގެ އުފާ ފާހަގަކުރުމުގެ ގޮތުން، އޫރީދޫ މޯލްޑިވްސްއިން އިންތިޒާމުކުރާ ހާއްސަ ކުޑަކުދިންގެ ހަވީރެއް "އޫރީދޫ ފުޓްބޯޅަ ފޯރި" ގެ ނަމުގައި މިއަދު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ. މި ހަވީރު ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން 6:00 އަށެވެ.

އޫރީދޫއިން ބުނީ މިއީ މުޅި އާއިލާއަށާއި ރައްޓެހިންނަށް ބައިވެރިވެވޭ ގޮތަށް، ފުޓްބޯޅައަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ހަރަކާތެއް ކަމަށެވެ. މި ހަވީރުގައި ކުޑަކުދިންނަށް ބައިވެރިވެވޭނެ ތަފާތު ކުޅިވަރުތަކާއި، މަޖާ ހަރަކާތްތަކުގެ އިތުރުން ފުޓްބޯޅަ ތީމްތަކަށް ތައްޔާރުކޮށްފައިވާ ގޭމްތައް ވެސް ކުރިއަށްދާނެ އެވެ.

ރާއްޖޭގައި އަބަދުވެސް އޮންނަ ފުޓްބޯޅައިގެ ބޮޑު ފޯރީގައި އޫރީދޫއިން އަންނަނީ ކޮންމެ ބޮޑު މުބާރާތަކާ ދިމާކޮށް ވެސް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މިއަދުގެ ހަވީރަކީ ރާއްޖޭގެ ކުދިބޮޑު އެންމެންގެ މެދުގައި ވޯލްޑްކަޕްގެ ފޯރި ދިރުވައި، އުފާވެރި މާހައުލެއްގައި މި ފޯރި ފެށުމަށް ހުޅުވާލާ ފުރުސަތެކެވެ. އޫރީދޫއިން ވަނީ މި ހަރަކާތްތަކުގައި ބައިވެރިވުމަށް ވީހާވެސް ގިނަ ކުދިން އާއިލާއާއެކު ސެންޓްރަލް ޕާކަށް ޒިޔާރަތްކުރުމަށް ދައުވަތު ދީފަ އެވެ.