އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ ޕާސްޕޯޓު މައުލޫމާތުތައް އާންމުވެ، ސެކިއުރިޓީގެ ބޮޑު މައްސަލައެއް ފެންމަތިވެއްޖެ އެވެ. މި ހާދިސާ ހިނގީ އެމެރިކާގެ އަލަބާމާގައި އައިސްލެންޑާ ދެކޮޅަށް އާޖެންޓީނާއިން ކުޅުނު އެކުވެރިކަމުގެ މެޗުގެ ކުރިން މީޑިއާތަކަށް ދޫކުރި ޓީމް ޝީޓުގައި، ކުޅުންތެރިންގެ ޕާސްޕޯޓު ނަންބަރުތައް ނުފޮރުވައި ހުރުމުގެ ސަބަބުންނެވެ.
މި މައްސަލައިގައި ކެޕްޓަން ލިއޮނަލް މެސީ އާއި ޓީމުގެ އެހެނިހެން ތަރިން ކަމަށްވާ ލިސަންޑްރޯ މާޓިނޭޒް އަދި އެންޒޯ ފެނާންޑޭޒް ފަދަ ކުޅުންތެރިންގެ ޒާތީ މައުލޫމާތުތައް ވަނީ އާންމުވެފަ އެވެ. މިއީ ސެކިއުރިޓީގެ ގޮތުން ނުރައްކާތެރި އަދި ބަލައިގަނެވޭނެ ފަދަ ކަމެއް ނޫން ކަމަށް ބުނެ، ދުނިޔޭގެ މަޝްހޫރު މީޑިއާތަކުން އަންނަނީ މިކަން ކުށްވެރިކޮށް، މިއީ ޑޭޓާ ރައްކާތެރިކުރުމުގައި ހެދުނު ބޮޑު ގޯހެއްގެ ގޮތުގައި ސިފަކުރަމުންނެވެ.
މިކަމާ ގުޅިގެން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) އަދި ފީފާއިން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. ކުޅުންތެރިންގެ ޕާސްޕޯޓު މައުލޫމާތު ލީކުވުމަކީ އައިޑެންޓިޓީ ތެފްޓް ނުވަތަ އެނޫންވެސް ސެކިއުރިޓީގެ ނުރައްކާތަކަށް މަގުފަހިވެދާނެ ކަމަކަށް ވުމުން، މުބާރާތުގެ މިފަދަ ހައްސާސް ދަނޑިވަޅެއްގައި މިފަދަ ކަމެއް ހިނގުމުން ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.
