ސައުދީ އަރަބިއްޔާގެ ހެރިޓޭޖް ކޮމިޝަނުން މަދީނާ ސަރަހައްދުގައި ކުރިއަށްގެންދިޔަ އާސާރީ ދިރާސާތަކެއްގެ ތެރެއިން، އިސްލާމްދީނުގެ ދެވަނަ ޚަލީފާ ޢުމަރު ބިން އަލް-ޚައްޠާބުގެ ނަންފުޅު ކަނޑާނަގާފައިވާ ހިލައެއް ހޯދައިފިއެވެ. ރިޕޯޓުތަކުގައިވާ މައުލޫމާތުތަކަށް ބަލާއިރު، ކުވެއިތު ޓައިމްސް އިން ރިޕޯޓްކޮށްފައިވާ މި ހޯދުމަކީ އެގައުމުގެ ކުރީގެ އިސްލާމީ ތަރިކައިގެ ރެކޯޑުތަކަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއްގެ ގޮތުގައި ކޮމިޝަނުން ވަނީ ސިފަކޮށްފައެވެ.

މި ތާރީޚީ ކަނޑާނެގުން ފެނިފައިވަނީ އަލް މަހްދު ގަވަރނަރޭޓް ގައި ކުރިއަށްދިޔަ ބޮޑު ސާވޭއެއްގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައި ހޯދި 1،774 އާސާރީ ހޯދުންތަކުގެ ތެރެއިންނެވެ. މި ހޯދުންތަކުގެ ތެރޭގައި ޚަލީފާ ޢުމަރުގެފާނުގެ ނަންފުޅު ހިމެނޭ ހިލައިގެ ކަނޑާނެގުންތަކުގެ އިތުރުން، ހިލަތަކުގެ މަތީގައި ކަނޑާނަގާފައިވާ ގަދީމީ އަރަބި ޅެންތަކާއި، 1،259 ހިލައިގެ ކުރެހުމާއި، 461 އިސްލާމީ ކަނޑާނެގުމުގެ އިތުރުން ގަދީމީ ބިނާތަކާއި ގަދީމީ ވަޅުތައް ވެސް ހިމެނެއެވެ.

ޢުމަރު ބިން އަލް-ޚައްޠާބަކީ ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ މާތް ޞަޙާބީއެކެވެ. އެކަލޭގެފާނު އިސްލާމީ އުންމަތް ބަލަހައްޓަވައި ވެރިކަން ކުރެއްވީ މީލާދީން 634 އިން 644 އަށެވެ. އަދި އެކަލޭގެފާނުގެ ޚިލާފަތުގައި އިސްލާމީ ދައުލަތް ފުޅާވެގެންދިޔުމުގެ ކުރީކޮޅުގެ ކަންކަން ވަރަށް ގާތުން ބައްލަވައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރައްވާފައިވެއެވެ. މިފަދަ ހޯދުންތަކުގެ ސަބަބުން ކުރީގެ އިސްލާމީ ތާރީޚުގެ މައުލޫމާތުތައް އިތުރަށް މުއްސަނދިވެގެންދެއެވެ.