ފ. ނިލަންދޫއަށް ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، އެރަށު އަތިރީގޭ އަލްމަރުޙޫމް އަޙްމަދު މޫސާ (ކަތީބު ދޮންބެ) ޢުމުރުފުޅުން 100 އަހަރުގައި ނިޔާވެއްޖެ އެވެ. އޭނާ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަޢުޒިޔާ ފޮނުއްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓެއްގައި، އަޙްމަދު މޫސާ ނިލަންދޫގެ ކަތީބުކަމުގައި ހުންނަވައިގެން އެރަށަށް ކޮށްދެއްވި ޚިދުމަތްތަކާއި އަމާނާތްތެރިކަމާއި ހިތްޕުޅު ހެޔޮކަން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެ މަރުޙޫމުގެ މުރާލި އަދި ހަރުދަނާ ޝަޚްޞިއްޔަތަކީ މުޅި ރާއްޖެއަށް ވެސް ރީތި ނަމޫނާއެއް ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން، އަމިއްލަ ދަރީންނާއި ކާފަ އަދި މުނިކާފަ ދަރީންގެ ތެރޭގައި ވެސް ތަޢުލީމީ ޤާބިލު އެތައް ޚިދުމަތްތެރީންނެއް ތިއްބެވިކަމީ، އޭނާގެ ޙަޔާތުގައި ލިބިވަޑައިގަތް ވަރަށް ބޮޑު ފަޚުރެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
އަލްމަރުޙޫމް އަޙްމަދު މޫސާއަކީ 1992 ވަނަ އަހަރު ދަނޑުވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ރައީސްގެ ތަޢުޒިޔާގެ މެސެޖު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ އަލްމަރުޙޫމް އަޙްމަދު މޫސާގެ ފުރާނައަށް މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ލެހެއްޓެވުން އެދި ދުޢާ ދަންނަވާފަ އެވެ.
