އާންމުކޮށް ބިމުގައި ހުރެގެން ވެސް ހެދުން އުނދަގޫ ރޫބިކްސް ކިއުބް، އާދަޔާޚިލާފު ނުރައްކާތެރި މާހައުލެއްގައި ފުރިހަމަކޮށްގެން އެމެރިކާގެ ޒުވާނަކު ދުނިޔޭގެ ގިނެސް ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ. އުމުރުން 24 އަހަރުގެ އިޝާން ހަދްކަރް މި ރެކޯޑު ހަދާފައިވަނީ ކެލިފޯނިއާގެ އޯޝަންސައިޑް ގެ 13،000 ފޫޓު މަތިން މަތިންދާބޯޓަކުން ތިރިއަށް ފުންމާލައިގެން ސްކައި ޑައިވް ކުރުމުގެ ތެރޭގައެވެ. މިއީ ސްކައިޑައިވް ކޮށްގެން ރޫބިކްސް ކިއުބް ހެދުމުގެ ދުނިޔޭގެ އައު ރެކޯޑެކެވެ.
އަޖައިބުވާންޖެހޭ ކަމަކީ، މިއީ މި ޒުވާނާގެ ދިރިއުޅުމުގައި ވެސް މަތިންދާބޯޓަކުން ފުންމާލައިގެން ސްކައިޑައިވް ކުރި ފުރަތަމަ ދުވަހެވެ. އޭނާ ކުރި ފުރަތަމަ މަސައްކަތުގައި ވައިގެ ބާރުމިނުގެ ސަބަބުން ކިއުބެއް ރޫޅިގެން ވެއްޓުމުން، އުންމީދު ކަނޑާނުލައި ވަގުތުން ދެވަނަ ބޯޓަކަށް އަރައި ދެވަނަ ފަހަރަށް ވަނީ ފުންމާލާފައެވެ. ގަޑިއަކު 120 މޭލުގެ ބާރުމިނުގައި ތިރިއަށް ވެއްޓެމުންދިޔަ ވަގުތާއި ވައިކުޑަ ހުޅުވުނު ވަގުތުގެ ތެރޭގައި އޭނާ ވަނީ ފުރިހަމައަށް ދެ ކިއުބް ހަދައި ނިންމާފައެވެ.
އިޝާން ބުނި ގޮތުގައި، ވައިގެ ގަދަ ޕްރެޝަރާއި ފިނިހޫނުމިނުގެ ސަބަބުން ކިއުބްގެ ބައިތައް އަނބުރަން އުނދަގޫވި ނަމަވެސް، އޭނާ ހުރީ ކިތަންމެ ވަޔެއް ހުއްޓަސް ކިއުބް އަތުން ދޫނުކޮށް ހިފަހައްޓާނެ ފުރިހަމަ ޔަގީންކަމުގައެވެ. މީގެ ކުރިން ކަނޑުގެ އަޑީގައި އޮވެގެން 10 ރޫބިކްސް ކިއުބް ހަދައިގެން ވެސް ސަމާލުކަން ހޯދި މި ޒުވާނާ ބުނީ، އޭނާގެ މި ކާމިޔާބީއަކީ 14 އަހަރުގެ ދިގު ތަޖުރިބާގެ ނަތީޖާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވައިގެ ތެރޭގައި މިއަށްވުރެ ގިނަ ކިއުބް ހެދުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
