އާޓިފިޝަލް އިންޓެލިޖެންސް އަށް ބިނާކޮށް އުފައްދާ ހިއުމަނޮއިޑް ރޮބޮޓުތަކަށް، މުސްތަޤްބަލުގައި ގޭތެރޭގެ މަސައްކަތްތައް ކުރަން ދަސްކޮށްދިނުމުގެ ގޮތުން އިންޑިއާގެ ގޭތެރޭގެ މަސައްކަތްކުރާ އަންހެނަކު އޭނާގެ ދިރިއުޅުމުގެ އާންމު ކަންކަން ވީޑިއޯ ކުރަން ފަށައިފިއެވެ. ވީޑިއޯތަކުން ފެންނަ ގޮތަށް، ނަގިރެޑީ ސްރީރާމްޔަޗަންދްރާ ނަމަކަށް ކިޔާ މި އަންހެންމީހާ ވީޑިއޯ ކުރަނީ އޭނާގެ ބޮލުގައި ސްމާޓްފޯނެއް ހަރުކޮށްގެން ހުރެގެންނެވެ. މިއީ އިންސާނުން ހަގީގީ ދުނިޔޭގައި ހަރަކާތްތެރިވާ ގޮތް މެޝިންތަކަށް ދަސްކޮށްދިނުމަށްޓަކައި ބައިނަލްއަގުވާމީ ޓެކްނޮލޮޖީ ކުންފުނިތަކުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢެކެވެ.
މިގޮތަށް ރެކޯޑުކުރާ ކޮންމެ ވީޑިއޯއެއްގެ އެއް ގަޑިއިރަށް އޭނާއަށް ލިބެނީ އެންމެ ދެ ޑޮލަރަށްވުރެ ކުޑަކޮށް އިތުރު މިންވަރެކެވެ. ބަލާބެލުމަށް މިއީ އާދައިގެ ކަމެއްހެން ހީވިޔަސް، އޭނާ ރެކޯޑުކުރާ ކޮންމެ ދުވަހެއްގެ ފޫހި މަސައްކަތްތަކުގެ ވީޑިއޯތަކަކީ ޓެކް ކުންފުނިތަކަށް ވަރަށް އަގުހުރި މަޢުލޫމާތުތަކެކެވެ. މި ވީޑިއޯތަކުގެ އެހީގައި ރޮބޮޓުތަކަށް އެއްޗެހި އިސްތިރިކުރުމާއި، ކައްކާ ކާނާ ތައްޔާރުކުރުމާއި، އަދި އެއްޗެހި ފަތްޖެހުން ފަދަ އިންސާނުންގެ އަތުގެ ހަރަކާތްތައް ވަރަށް ފުރިހަމައަށް ކޮޕީކުރަން ދަސްވެގެންދެއެވެ.
މިފަދަ "އެގޯސެންޓްރިކް" ނުވަތަ ފުރަތަމަ މީހާގެ ނަޒަރިއްޔާތުން ފެންނަ ވީޑިއޯ ޑޭޓާ އެއްކުރުމަކީ މުސްތަޤްބަލުގައި ރޮބޮޓިކްސް ދާއިރާއަށް އަންނާނެ ބޮޑު އިންގިލާބެކެވެ. މިކަމާ ބެހޭގޮތުން ނަގިރެޑީ ބުނެފައިވަނީ، ހަމައެކަނި ގޭތެރޭގެ މަސައްކަތް ކޮށްލައިގެން މިއިން ލިބޭ އާމްދަނީއާމެދު އޭނާ ހިތްހަމަޖެހޭ ކަމަށާއި، ފަހަރުގައި މުސްތަޤްބަލުގައި އޭނާގެ އަމިއްލަ ބޭނުމަށް ވެސް މިފަދަ ރޮބޮޓެއް ގަނެވިދާނެ ކަމަށެވެ. ނަމަވެސް، މިފަދަ އޮޓޮމޭޝަންގެ ސަބަބުން އިންޑިއާ ފަދަ ގައުމުތަކުގެ އާންމު މަސައްކަތްތެރިންގެ ވަޒީފާތަކަށް ނުރައްކާވެދާނެކަމުގެ ބިރު ވެސް ބައެއް މާހިރުން ދަނީ ފާޅުކުރަމުންނެވެ.
