ޕެރޫގެ ވެރިރަށް ލީމާގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ގެއަށް އެގައުމުގެ ފުލުހުން ކުއްލި ގޮތަކަށް ވަދެ، އޭނާ ހައްޔަރުކޮށްފިއެވެ. ސީ.އެން.އެން އިން ރިޕޯޓްކޮށްފައިވާ މިހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ރޭޑްގެ އެންމެ ޚާއްސަ އަދި ތަފާތު ކަމަކީ، ފުލުހުން މި އޮޕަރޭޝަން ހިންގުމަށްޓަކައި ބޭނުންކުރި އުކުޅެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހާގެ ސަމާލުކަން ކަނޑުވާލުމަށްޓަކައި، އޮޕަރޭޝަންގައި ބައިވެރިވި ފުލުހުން ތިބީ ވޯލްޑް ކަޕްގެ މާސްކޮޓުންގެ ހެދުން އަޅައިގެންނެވެ. މި ސަބަބާ ހުރެ، އެ ސަރަހައްދުގައި އުޅޭ އާންމުންނަށާއި ކުށްވެރިޔާއަށް ވެސް އެއީ ފުލުހުންގެ ބޮޑު އޮޕަރޭޝަނެއްގެ ފެށުންކަން ރޭކާލާފައެއް ނުވެއެވެ. މި އާދަޔާޚިލާފު ހެދުންތަކުގައި ގޮސް ފުލުހުން ވަނީ ކުއްލިއަކަށް އެގެއަށް ވަދެގަނެ، ތުހުމަތުކުރެވޭ މީހާ، ފިލުމުގެ އެއްވެސް ފުރުސަތެއް ނުދީ ހިފަހައްޓާފައެވެ.

ރޮއިޓާސް ގެ ވީޑިއޯ ފްޓޭޖްތަކުން ފެންނަ ގޮތުގައި، މި އޮޕަރޭޝަނަކީ ވަރަށް ބޮޑަށް ރޭވިގެން ކާމިޔާބުކަމާއެކު ނިންމާލި ކަމެކެވެ. ޕެރޫގެ ފުލުހުންނަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ އޮޕަރޭޝަންތައް ކާމިޔާބުކުރުމަށްޓަކައި ސަންޓާ ކްލޯޒް ނުވަތަ ތަފާތު ކާޓޫން ކެރެކްޓާތަކުގެ ހެދުން އަޅައިގެން މިފަދަ ހީލަތްތެރި ރޭޑްތައް ޖެހުމަށް މަޝްހޫރު ބައެކެވެ. މި ފަހަރުގެ އޮޕަރޭޝަނާ އެކު، އެ ސަރަހައްދުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.