ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ 15 މީހަކަށް ސިވިލް ސަރވަންޓެއް ހުރި ކަމަށާއި، މިއީ އާބާދީގެ ނިސްބަތުން ބަލާއިރު ވަރަށް ބޮޑު އަދަދެއް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ސިވިލް ސާވިސް ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ބިދޭސީން ވެސް ހިމެނޭ ގޮތަށް މިހާ ގިނަ އަދަދެއްގެ މުވައްޒަފުން ތިބިއިރު، ދައުލަތުގެ ބަޖެޓުން މިކަމަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝަފީއު ފާހަގަކުރެއްވި ގޮތުގައި، ދިވެހި ސިވިލް ސާވިސްގައި ދާއިމީ މުވައްޒަފުންގެ ގޮތުގައި 32,500 މުވައްޒަފުން އެބަތިއްބެވެ. އަދި ކޮންޓްރެކްޓް މުވައްޒަފުންނާއެކު މި އަދަދު ގާތްގަނޑަކަށް 35,000 އަށް އަރާނެ ކަމަށް އޮފީހުން ބުންޏެވެ. ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ސިވިލް ސާވިސް މުވައްޒަފުންނަކީ ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތައް ދިނުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރާ ފަރާތްތައް ކަމަށް ވުމާއެކު، މުވައްޒަފުން މަސައްކަތަށް ގަވާއިދުން ނިކުތުމަކީ ޚިދުމަތް އަވަސްކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮރަޕްޝަނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ޝަފީއު ވިދާޅުވީ، އިދާރީ ގޮތުން ހިންގާ ކޮރަޕްޝަނެއް މެދުވެރި ނުވާނަމަ މާލީ ކޮރަޕްޝަނަކަށް މަގުފަހިނުވާނެ ކަމަށެވެ. އެހެންކަމުން ކޮރަޕްޝަން ނައްތާލުމުގެ އެންމެ ބޮޑު ބާރަކީ ސިވިލް ސާވިސް މުވައްޒަފުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސަރުކާރުން މިހާރު ކުރިއަށްގެންދާ "މޯލްޑިވްސް 2.0" ގެ މަސައްކަތަކީ ކޮރަޕްޝަން ނައްތާލެވިފައިވާ ނިޒާމެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި މަސައްކަތެއްކަން ފާހަގަކުރައްވައި، ރައްޔިތުންނަށް އިސްކަންދޭ ޚިދުމަތުގެ ނިޒާމެއް ބައްޓަން ކުރުމަށް އަޒުމު ކަނޑައެޅުމަށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.