ބޯކޮށް ވާރޭވެހުމުގެ ސަބަބުން ނ. މާފަރުގައި ފެންބޮޑުވެ، އެ ރަށުގެ 10 ގެއަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. އިއްޔެ މެންދުރުފަހު ފެށި މި ވިއްސާރައިގައި ރަށުގެ މަގުތަކުގައި ފެން ބޮޑުވެ އާންމު ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވުމުން، އެ ރަށު ކައުންސިލުން އެދިގެން އެމްއެންޑީއެފުން ވަނީ ފެން ހިންދުމުގެ މަސައްކަތްތަކެއް ފަށާފައެވެ.

މާފަރު ކައުންސިލުން ބުނި ގޮތުގައި، އިއްޔެ މެންދުރު 14:15 ހާއިރު ފެށި ވާރޭގެ ސަބަބުން ފެން ބޮޑުވެ، ބައެއް ގެތަކުގެ ކޮޓަރިތަކަށް ފެން ވަދެފައިވެއެވެ. މުދަލަށް ގެއްލުންވިކަމުގެ ރަސްމީ ޝަކުވާއެއް އަދި ނުލިބުނު ނަމަވެސް، ގެތަކުގައި ހުރި އަލަމާރިފަދަ ލަކުޑި ތަކެއްޗަށް ފެން އެޅި ގެއްލުންތަކެއް ވެފައިވާނެ ކަމަށް ބެލެވެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމްއެންޑީއެފުން ވަނީ ރަށުގެ އެކި ސަރަހައްދުތަކުގައި 130 ވެލިބަސްތާ ޖަހާފައެވެ.

މި ހާދިސާއާ ގުޅިގެން ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރެޓީން މައުލޫމާތު ދިން ގޮތުގައި، 10 ގެއަކަށް ފެން ވަދެފައިވީ ނަމަވެސް، އެއްވެސް ގެއަކުން މީހުން ބަދަލުކުރަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެފައި ނުވެއެވެ. ސިފައިންނާއި ރަށު ކައުންސިލް ގުޅިގެން ކުރި މަސައްކަތުން ރޭ ދަންވަރު 00:17 ހާއިރު ރަށުގެ މަގުތަކުގައި ހުރި ފެންގަނޑު ހިއްކައި، މަގުތައް ވަނީ އާންމު ހާލަތަކަށް ގެނެވިފައެވެ.