އިންޑިއާގެ އަހުމަދުއާބާދުގައި އެއާ އިންޑިއާގެ ބޯއިން 787 މަތިންދާބޯޓެއް ވެއްޓި 260 މީހުން މަރުވި ހާދިސާއަށް އަހަރެއް ފުރުނުއިރު، ހާދިސާ ހިނގަން މެދުވެރިވި ސަބަބުގެ ފައިނަލް ރިޕޯޓު ނުލިބި އާއިލާތަކުން އަދިވެސް ތިބީ ޖަވާބެއްގެ އިންތިޒާރުގައެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ލަންޑަނަށް ދަތުރުކުރި މި ބޯޓު އަހުމަދުއާބާދުގެ އެއާޕޯޓުން ނައްޓާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަ މެޑިކަލް ކޮލެޖެއްގެ ހޮސްޓެލް މައްޗަށް ވެއްޓުނު ހާދިސާގެ ހަނދާންތައް އައުކުރުމަށް މަރުވި މީހުންގެ އާއިލާތަކުން އިއްޔެ ވަނީ އެ ސަރަހައްދަށް އެއްވެފައެވެ. ބޯޓުގައި ތިބި 242 މީހުންގެ ތެރެއިން 241 މީހުން މަރުވިއިރު، ބިމުގައި ތިބި 19 މީހަކުވެސް މި ހާދިސާގައި ވަނީ މަރުވެފައެވެ.

މި ހާދިސާގައި ބޯޓުން ސަލާމަތްވީ ހަމައެކަނި އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ވިޝްވާޝް ކުމާރު ރަމޭޝް އެކަންޏެވެ. އިންޓަނޭޝަނަލް އޭވިއޭޝަން ގަވާއިދުތައް ބުނާގޮތުން ހާދިސާ ހިނގާތާ އަހަރެއްގެ ތެރޭގައި ފައިނަލް ރިޕޯޓު ނެރެންޖެހޭ ނަމަވެސް، އިންޑިއާގެ އިންވެސްޓިގޭޓަރުން ވަނީ ބޯޓުގެ އިންޖީނުތައް އިތުރަށް ތަހުލީލުކުރުމަށްޓަކައި ފައިނަލް ރިޕޯޓު ނެރުން ލަސްކޮށްފައެވެ. އޮފީހުން ބުންޏް ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މި ހާދިސާގެ ވަގުތީ ރިޕޯޓެއް ނެރުނު ނަމަވެސް، ފައިނަލް ރިޕޯޓު ލިބޭނީ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައެވެ. މިއީ މަރުވި މީހުންގެ އާއިލާތަކުގެ ކަންބޮޑުވުން ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާ ކަމެކެވެ.

މި ހާދިސާ ހިނގިތާ މަހެއްގެ ތެރޭގައި ނެރުނު ފުރަތަމަ ރިޕޯޓުން ދެއްކި ގޮތުގައި، ބޯޓު ވެއްޓުމުގެ ކުޑަވަގުތުކޮޅެއް ކުރިން އޭގެ އިންޖީނަށް ތެޔޮދާ ނިޒާމު (ފިއުލް ސްވިޗް) ވަނީ ކަނޑާލާފައެވެ. މިއާއެކު މިއީ ޕައިލެޓް އަމިއްލައަށް މަރުވާންވެގެން ކުރި ކަމެއް ކަމުގެ ތިއަރީތަކެއް ފެންމަތިވި ނަމަވެސް، އިންޑިއާގެ ޕައިލެޓުންގެ ޔޫނިއަނުން ވަނީ އެކަން ދޮގުކޮށްފައެވެ. ޔޫނިއަނުން ބުނި ގޮތުގައި ވަގުތީ ރިޕޯޓެއް ނެރުމަކީ އިތުރު އޮޅުންބޮޅުންތަކެއް އުފެދޭނެ ކަމެއް ކަމަށާއި، ބޯއިން ކުންފުނިން އިތުރު ޓެކްނިކަލް މައުލޫމާތު ހޯދައިގެން ނޫނީ ވަގުތީ ނިންމުމެއް ނުނިންމުމަށް ސަރުކާރުގައި އެދިފައިވާނެއެވެ.