އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރެއިން 30 ސެންޓިމީޓަރުގެ ޕްލާސްޓިކް ކުދިކޮތަޅު ބާޒާރުކުރުމުގައި ބޭނުންކުރުން މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މަނާވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކޮށްފިއެވެ. މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ އަލަށް އެކުލަވާލައި އާންމުކުރި "ސިންގްލް ޔޫސް ޕްލާސްޓިކް މަދުކުރުމާ ގުޅޭ ގަވާއިދު" އެކުގައެވެ. މިއީ ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ ބޮޑު މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ.
އަލަށް އާންމުކުރި ގަވާއިދުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން މަނާކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައް އެތެރެކޮށް، ވިއްކައި ނުވަތަ ބޭނުންކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަނާ ބާވަތެއް ބޭނުންކޮށް، ވިއްކައި ނުވަތަ އުފައްދާ ފުރަތަމަ ފަހަރު ނަމަ އެ ފަރާތަކަށް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ. ނަމަވެސް ދެވަނަ ފަހަރު އެކަން ތަކުރާރުކޮށްފި ނަމަ، ބާޒާރަށް ނެރޭ ތަކެތީގެ އަދަދަށް ބަލައި ކޮންމެ އެއްޗަކަށް 150 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެއެވެ. މި ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭނެ އެންމެ މަތީ އަދަދަކީ 1 ލައްކަ ރުފިޔާއެވެ.
ރާއްޖޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަނާކުރުމުގެ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރު އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކުން 13 ބާވަތެއް މަނާކުރެއްވުމާ ގުޅިގެންނެވެ. އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ގަރާރު ދަމަހައްޓަވައި، ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ސުޕާރީ ވެސް އެ ލިސްޓަށް އިތުރުކުރައްވައި ޖުމްލަ 14 ބާވަތެއް މަނާކުރައްވާފައެވެ. ސަރުކާރުން މިހާރު ދަނީ މިފަދަ ތަކެތީގެ ބަދަލުގައި ބޭނުންކުރެވޭނެ ތިމާވެއްޓާ ރައްޓެހި ބާވަތްތައް ބާޒާރަށް ނެރުމުގެ މަސައްކަތް ކުރަމުންނެވެ.
