ޣައްޒާގެ ބާޒާރުތަކުގައި ދުންފަތުގެ ބަދަލުގައި، ހިއްކާފައިވާ މޮލޮޚިއާ (ޖޫޓް މެލޯ) ފަތާއި ދިޔާ ނިކޮޓިން ބޭނުންކޮށްގެން އަމިއްލައަށް އުފައްދާފައިވާ ސިނގިރޭޓްތަކެއް ވިއްކަން ފަށައިފިއެވެ. އަލްޖަޒީރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ކުރިމަތިވާން ޖެހުނީ ޣައްޒާގައި ތަކެތި ލިބުން ދަތިވުމާއި އަދި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެން ދިއުމުގެ ސަބަބުން، އެ ސަރަހައްދުގެ އާންމު ދިރިއުޅުމުގެ އާދަތަކަށް ބޮޑެތި ބަދަލުތަކެއް އައުމާ ގުޅިގެންނެވެ.

މިފަދަ ނުރައްކާތެރި އާދައެއް މުޖުތަމައުގެ ތެރޭގައި ފެތުރެން މެދުވެރިވީ އެ ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައާއި އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ބޮޑެތި ދަތިތަކުގެ ސަބަބުންނެވެ. އާންމުކޮށް ކެއުމަށް ބޭނުންކުރާ ފަތްޕިލާވެއްޔެއް ކަމަށްވާ މޮލޮޚިއާ ފަތް ހިއްކައި، އޭގެ ތެރެއަށް ކެމިކަލް އެކުލެވޭ ދިޔާ ނިކޮޓިން އެއްކޮށްގެން ސިނގިރޭޓުގެ ގޮތުގައި ބޭނުންކުރުން މިހާރު ވަނީ ޣައްޒާގެ ގިނަ ބައެއްގެ މެދުގައި އާންމުވެފައެވެ.

ޑޮކްޓަރުން ވަނީ މި ނުރައްކާތެރި އަމަލުގެ ސަބަބުން ސިއްހީ ބޮޑެތި މައްސަލަތަކެއް ފެންމަތިވަމުންދާ ކަމަށް ބުނެ ވަރަށް ބޮޑަށް އިންޒާރު ދެއްވާފައެވެ. ޚާއްސަކޮށް، މިފަދަ ސިނގިރޭޓް ބުއިމުގެ ސަބަބުން ނޭވާލާ ނިޒާމުގެ ބަލިތަކާއި އަދި ސިއްހީ އެހެނިހެން ނުރައްކާތެރި ބަލިމަޑުކަން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް މެޑިކަލް މާހިރުން ބަޔާންކުރެއެވެ.