ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން، ހުޅުމާލޭ އޮރެންޖު ހިޔާގައި ހިންގަމުންދާ ތެލެސީމިއާ ސެންޓަރަށް މިއަދު މެންދުރު ވަޑައިގެން، އެތަނުގެ އާންމު ހާލަތު ބައްލަވާލައްވައިފިއެވެ. މި ޒިޔާރަތުގެ މައިގަނޑު ބޭނުމަކީ އެތަނުގައި ފަރުވާ ހޯދަމުންދާ ކުދިންނަށް ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ވަޒަންކުރެއްވުމާއި، ސެންޓަރުގެ ކަންކަން ކުރިއަށްދާ ގޮތް ގާތުން އޮޅުންފިލުއްވުމެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތަކާ އެކު ކުރިއަށް ގެންދާ "ތެލެސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރު" އަށް ކުރެއްވި މި ޒިޔާރަތުގައި، ބަލިމީހުންނާއި ލޭ ހަދިޔާކުރާ މީހުންނަށް ހާއްސަކޮށްފައިވާ ވޯޑުތަކަށް އެ ދެކަނބަލުން ވަދެވަޑައިގެންނެވިއެވެ. އޭގެ އިތުރުން ސެންޓަރުގެ ލެބޯޓްރީއާއި ޕޭޝަންޓް ކެއާ ސެންޓަރުގެ މަސައްކަތްތައް ހިނގަމުންދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތުތައް ވެސް ވަނީ ހޯއްދަވާފައެވެ.

ތެލެސީމިއާ ބަލިމީހުންނާއި އެ އާއިލާތަކަށް ބޭނުންވާ ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއްކަން ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާއާއި، މާލީ އެހީތެރިކަން އަދި އެކަމާ ގުޅޭ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާކަން އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ދެކަނބަލުން އެ ސެންޓަރަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ހެލްތު މިނިސްޓަރު ގީލާ އަލީ އާއި މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމެވެ. މި ބޭފުޅުންގެ އިތުރުން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު ވެސް ވަނީ މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންފައެވެ.